ލައިޓް ބިރިޔާނި

25 minutes

ޕޮޓޭޓޯ މޭޝް ކުރާއިރު ކުޑަކުޑަ ބޭކިންގ ޕައުޑަރ ކޮޅޭއް އެއްކޮށްލާށެވެ. އޭރުން ހުދުވާނެއެވެ.

ހަނޑޫކޮޅު ދޮވެފައި 2 ކާފޫރުތޮޅި 2 ކަރަންފޫ 1 އިންޗީގެ ފޮނިތޮށިކޮޅަކާއި ލޮނުކޮޅެއް ލައިގެން ބަތްކައްކަން އުދާލާށެވެ. ތަވައެއް އުނދުންމައްޗަށް އުދާލާފައި ބަޓަރުކޮޅު އަޅާލާށެވެ. ދިޔާވީމާ ފިޔާ، މިރުސް، ހިކިމޭބިސްކަދުރު، ކެޕްސިކަމް ކެޖޫނަޓް، ފޮނިތޮށި ، ކާފޫރުތޮޅި، ކެރެޓް، ކަރަންފޫ އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ކުކުޅުމަސް އިނގުރު ، ލޮނުމެދު، ދިރި ، އަސޭމިރުސް، ލޮނު، ރީނދޫ އެއްކޮށްފައި މަސްމަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. މަޑުނުވަނީސް ހިކޭގޮތްވާނަމަ ފެންފޮދެއް އަޅާށެވެ. ބަތްކޮޅު ދެބައިކުޅައެއްބަޔަށް ރޯފިލުމުން މަސްބަތްތަވާގެތެރެއަށް އަޅާފައި ގިނިމަޑުކޮށްފައި މަތިޖަހާލާށެވެ. ދެން ފެން ހިނދެން ފެށުމުން ފިނިފެން ފޮދެއް ގައި ކުޑަ ކުލަ ކޮޅެއް ގިރުވާލާފައި ބަތްތަވާގެ މައްޗަށް ބުރުވާލާފައި ކޮތަނބިރިފަތްވެސް ބުރުވާލާފައި އެއްކޮށްހިނދެންދެން ބަހައްޓާށެވެ.