ފޭސްބުކް ގެ މައި އޮފީސް އާ ޢިމާރާތަކަށް

ފޭސްބުކްގެ މައި އޮފީސް ކެލިފޯނިއާގެ މެންލޯ ޕާކަށް ބަދަލުކޮށްފިއެވެ. މިކަން އިޢުލާންކުރީ ފޭސްބުކްގެ ބާނީ މާކް ޒަކަރބަރގް މިއަދު އޭނާގެ ފޭސްބުކް ޓައިމްލައިންގައި ކުރި ޕޯސްޓެއްގައެވެ.
މިއޮފީސް ޢިމާރާތަކީ ބޮޑު އެއް ހޯލެއްގައި އެތައްހާސް ބަޔަކަށް އެއްފަހަރާ މަސައްކަތްކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ. މިއީ މިގޮތަށް ގިނަ ބަޔަކު އެއްހޯލެއްގައި މަސައްކަތްކުރުމަށް މިހާތަނަށް ދުނިޔޭގައި ޤާއިމްކޮށްފައިވާ އެންމެ ބޮޑު ހޯލަށްވާނެކަމަށް ޒަކަރބަރގްގެ ޕޯސްޓްގައި ލިޔެފައިވެއެވެ. މިޢިމާރާތުގެ ފުރާޅުމަތީގައި ވަނީ ހިނގުމަށް ޚާއްޞަކުރެވިފައިވާ ޓްރެކްތަކާ އިށީނދެ އަރާމުކުރުމަށް ޚާއްޞަކުރެވިފައިވާ 9 އޭކަރުގެ ބޮޑު ޕާކެކެވެ.
ޒަކަރބަރގް ބުނެފައިވާ ގޮތުގައި މިޢިމާރާތުގެ އިތުރު ފޮޓޯތައް ކުރިއަށް އޮތްދުވަސްތަކުގައި ފޭސްބުކް މެދުވެރިކޮށް އޭނާ ހާމަކުރާނެއެވެ. މިޕޯސްޓާއެކު އޭނާ ހިމަނާފައިވާ ފޮޓޯއަކީ މިޢިމާރާތުގެ މަތިން، ޕާކް ފެންނަގޮތަށް ނަގާފައިވާ ފޮޓޯއެކެވެ.
އޮފީސް ޢިމާރާތަށް މިއައި ބަދަލާއެކު ފޭސްބުކް އަށްވެސް ބަދަލުތަކެއް އަންނާނެކަމުގައި ޤަބޫލުކުރެވެއެވެ.

Mohamed Asif
via web -