ތުއްތު ކުއްޖަކު ސަލާމަތްކުރި ބިދޭސީއަކަށް ތަޢުރީފުގެ ބަސްތައް އޮހެމުންދަނީ

ސިންގަޕޫރުގެ ޖޫރޮންގް އީސްޓް ސްޓްރީޓް ގައި ހުރި އެޕާޓްމަންޓެއްގެ ދެވަނަ ބުރީގެ ބެލްކަނީ ގައި އެއްޗެހި ހިއްކަން އެޅުވުމަށް ހަދާފައިހުރި ދަގަނޑު ހަރެއްގެ ދެދަގަނޑު ދޭތެރޭގައި ބޯ ތާށިވެ ކިރިޔާ ބޭރަށް ނުވެއްޓި ރޮއެރޮއެ އޮތް ފިރުކޭ ފުރައިގެ ތުއްތު ކުއްޖަކު، އާދަޔާޚިލާފު ހިތްވަރަކާއެކު އެތަނުން ސަލާމަތްކޮށްފިއެވެ. އެހިސާބުގެ މަގުތަށް މަރާމާތުކުރުމުގައި ޙަރަކާތްތެރިވަމުންދިޔަ ބިދޭސީ މަސައްކަތުމީހަކަށް މިމަންޒަރު ފެނުނުއިރުވެސް ދެމީހަކު އެތަނަށް އެރުމަށް މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ. މި ބިދޭސީ މީހާ ވަރަށް ހަލުވިކަމާއެކު ދެބުރި މައްޗަށް އެލިގަނެގެން ކަހަލަ ގޮތަކަށް އަރާ، ކުއްޖާގެ ގައިގާ ހިފާ އުފުއްލާލުމުން ކުއްޖާއަށް ލުއި ލިބުނެވެ. ނަމަވެސް އެކުއްޖާ ހެލިފެލިވާތީ ދެދަގަނޑު ދޭތެރެއިން ބޯ ނުނެރެވުމުގެ ސަބަބުން، ރެސްކިޔު ޓީމު އަންނަންދެން މިކުއްޖާ އަށް އަނިޔާ ނުވާނޭހެން ހަށިގަނޑުގައި ހިފައި އުފުއްލާލައިގެން މިމީހާ ހުއްޓެވެ. މިކުއްޖާ ސަލާމަތްކުރި ބިދޭސީ މީހާ މަސައްކަތް ނިންމާފައި އެތަނުން ދިޔައިރު އެއްވެސް މީހަކު އޭނާއަށް މާބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. ނަމަވެސް މި ޙާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، އެ ބިދޭސީ މީހާ ހޯދައި، އޭނާއަށް މެޑަލް ދޭންޖެހޭނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އޭނާއަށް ތަޢުރީފްކޮށް އެތައްހާސްބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.

Mohamed Asif
via web -