ކަސްރަތުކުރީމަ ޙަޤީގަތުގައިވެސް ހަށިގަނޑު ހިކޭތަ؟

ދުނިޔޭގައި ދިރިއުޅޭ ފަލަ މީހުންގެ ނިސްބަތް 1980 ގެ އަހަރުތަކުން ފެށިގެން މިވީ 35 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ އިތުރުވެފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އާބާދީގެ 600 މިލިއަނަށްވުރެ ގިނަ މީހުންނަކީ ފަލަ މީހުންނެވެ. އިނގިރޭސިވިލާތުގައި ދިރިއުޅޭ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކީ ފަލަމީހެއްކަމުގައި މިދިރާސާގައި ބުނެފައިވެއެވެ.
ފަލަ މީހެއްކަމުގައި ބެލެވެނީ އެމީހެއްގެ ބޮޑީ މާސް އިންޑެކްސް 30 އަށް ވުރެ މަތީގައި ހުރެއްޖެނަމައެވެ. އިނގިރޭސި ވިލާތުގެ ހިތުގެ ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ޤަވާޢިދުން ކަސްރަތުކުރުމަކުން އެކަނި ހަށިގަނޑު ހިކި ބަރުދަން ލުއިވެގެނެއް ނުދެއެވެ. ބްރިޓިޝް ޖަރނަލް އޮފް ސްޕޯރޓްސް މެޑިސިންގައި ޝާޢިއުކޮށްފައިވާ މިދިރާސާގައި ބަޔާންކޮށްފައިވާގޮތުން، ޤަވާޢިދުން ކަސްރަތުކުރާމީހާ ހިތުގެ ބަލި، ޑިމެންޝިއާ (ހަނދާންނެތުމުގެ ބަލި)، ބައެއް ވައްތަރުގެ ކެންސަރު ބަލި އަދި ޓައިޕް 2 ގެ ހަކުރު ބަލިން ދުރުކޮށްދިންކަމުގައިވިޔަސް، ބަރުދަން ލުއިކުރުމަށް އެހީތެރިވެދެނީ ޤަވާޢިދުން ކުރާ ކަސްރަތެއްނޫނެވެ. ނަމަވެސް ކަސްރަތާއެކު ކެއުމުގެ އާދަތަކަށް ބަދަލު ގެނެސްފިނަމަ ބަރުދަން ލުއިވެދާނެކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
މިދިރާސާ ބުނާގޮތުން ބަރުދަން ލުއިކުރުމަށް އެހީވެދޭނެ އެންމެ މުހިއްމު އެއްކަމަކީ ހަށިގަނޑަށް އެތެރެވާ ކާބޯހައިޑްރޭޓްސް މަދުކުރުމެވެ. ފުޅިފުޅީގަޔާއި ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ޢާންމު ގިނަ ބުއިންތަކަކީ އޭގައި ހަކުރުގެ ބައި ނުހަނު މައްޗަށް ހުންނަ ބުއިންތަކެކެވެ. ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ކަސްރަތުކުރުމަށް ބާރުއަޅާއިރު، އެމުވައްޒަފުންގެ ކެއުމަށް ކުންފުނިން ބެލިފައެއް ނޯވެއެވެ. ކަސްރަތުކޮށް ނިންމާފައި ކެންޓީނުން ބޯލާ ޑްރިންކް ނުވަތަ ކާލާ ބަރގަރ ނުވަތަ ޕިއްޒާގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ސަބަބުން ކުރި ކަސްރަތުގެ ބޭނުން ހަށިގަނޑަށް ހިފެނީ ކުޑަ މިންވަރަކަށެވެ. ވީމާ، ޤަވާޢިދުން ކަސްރަތުކުރުމާއެކު ކެލޮރީ ދަށް، ކާބޯހައިޑްރޭޓްސް މަދު ކެއުމަށް އިސްކަންދީގެން ނޫނީ ކިތަންމެވަރަށް ކަސްރަތުކުރިޔަސް ތިޔަ ބިޔަ ހަށިގަނޑަށް ބަދަލު ނައުމަކީ އެކަށީގެންވާކަމެކެވެ.

Mohamed Asif
via web -