ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމް އެދެބޭފުޅުންނަށް މަރްހަބާ ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ފްރެންކްފަރޓްގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި އެންމެ ފުރަތަމަވެސް ވަނީ ﷲ އަށް ހަމްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އޭގެފަހުން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވައި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށްވެސް މަރްހަބާ ވިދާޅުވެފައެވެ.

"އަލްޙަމްދްލިﷲ ޝުކުރު! މަރްހަބާ ދިވެހި ލޮބުވެތި ރައްޔިތުން. ރައްޔިތުން ކުރެއްވި އިޚްލާސްތެރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް ދިވެހި ގައުމު. އިންތިޚާބު ކާމިޔާބު ކުރެއްވި އޮނަރަބްލް އިބްރާހިމް މުހަންމަދު ސޯލިހް އަދި ފައިސަލް ނަސީމަށް މަރްހަބާ. "މިނިވަންވަޔާ ކުޅެލާށެ ތާޒާ" ގާސިމް އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި އެތައް ޖަލްސާއެއްގައި ވީޑިއޯލިންކް މެދުވެރިކޮށް، ރައްޔިތުންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައިވާ ގާސިމް އިބްރާހިމް މިދިޔަ ހުކުރުދުވަހު އެންމެފަހުން ޔޫޓިއުބުގައި ޝާއިއުކުރެއްވި ބަޔާނުގައި، ދިވެހިރާއްޖެއާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އިބްރާހިމް މުހަންމަދު ސޯލިހަށް ވޯޓްދެއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފައި ވެއެވެ.