ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން މިނިވަން ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ މި ހަތަރު ބޭފުޅުން މިނިވަންކުރުމަށް އެބޭފުޅުންގެ ގާނޫނީ ޓީމުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިރޭ ބޭއްވި އަޑުއެހުމެއްގަ އެވެ.

މި ހަތަރު ބޭފުޅުންގެ ގާނޫނީ ޓީމުން ބުނީ މި ބޭފުޅުން މިނިވަންކުރުމާ މެދު ކްރިމިނަލް ކޯޓުން މިރޭ ގޮތެއް ނުނިންމީ މިވަގުތު މި ހަތަރު ބޭފުޅުންނަކީ ވެސް ހުކުމެއްގައި ތިއްބެވި ބޭފުޅުން ކަމަށްވެފައި މި ބޭފުޅުންގެ މައްސަލަތަކާ މެދު ގޮތެއް ނިންމުން އެހެން ދުވަހަކަށް ފަސްކުރަން ކޯޓުން ބޭނުންވުމުން ކަމަށެވެ.

ފާރިސް ފިޔަވާ ދެން ތިއްބެވި ތިން ބޭފުޅުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ އޭރުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެންނެވެ. ފާރިސް ހައްޔަރުކުރީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތުގަ އެވެ.

މި ހަތަރު ބޭފުޅުން ހައްޔަރުކޮށް މި ހުރިހާ ބޭފުޅުންގެ މައްޗަށްވެސް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް މި ދައުވާގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު އިތުރު މައްސަލަތަކެއްގައި މިބޭފުޅުންގެ މައްޗަށް އެކި މުއްދަތުގެ ހުކުމްތައް ކޮށްފައިވެ އެވެ.