ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

މީރާއިން ބުނީ އެއޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރި ނުކުރާ ފަރާތްތަކާ، އެފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ނުވަތަ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނޭ ކަމަށެވެ.

މި ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކިއެކި ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް މީރާއިން ބުނެ އެވެ.

މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިޔަސް، ޓެކްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ގާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެތީ، ވިޔަފާރި ނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއްކަމުގައި މީރާއިން ބުނެ އެވެ.

މީރާއިން އިތުރަށް ބުނީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުން، ރަޖިސްޓަރީން އުނިކުރުމަށް އެދި MIRA106 ފޯމު މެދިވެރިކޮށް އެ އޮތޯރިޓީއަށް ހުށަހެޅުމަށެވެ.