2018 ވަނަ އަހަރުގެ ނިޔަލަށް 7,089 ކުންފުންޏަކުން އަހަރީ ފީ އަދި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާވެސް ހިމެނޭކަމަށެވެ. އަދި ދެން ހިމެނީ އިތުރު 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާކަމަށެވެ.

ކުންފުނީގެ އަހަރީފީގެ އިތުރުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިކަމުގައި ވިޔަސް ގާނޫނުގައިވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭއިރު، އެކަން ނުކުރެވިއްޖެނަމަ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރަމުންދެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ކަނޑައެޅިފައިވާގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމުންކަމަށް ވެސް މީރާއިން ބުނެއެވެ.

އެހެންކަމުން، ވިޔަފާރި ނުކުރާ، އުވާލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮންޕެނީޒްއަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަމިއްލަ ފަރުދުން މީރާގައި ރަޖިސްޓަރީ ކުރުމާއި، ޓެކްސް ބަޔާން ހުށަހެޅުމާ ގުޅޭގޮތުން 2017 ވަނަ އަހަރުތެރޭގައި މީރާއިން ވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް، ޓެކުހާގުޅޭ ގާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާތީ، މި ލުއިތަކެއް ކުންފުނިތަކަކަށް ރައްދެއް ނުވެއެވެ. ނަމަވެސް ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާގުޅޭގޮތުން ދެވިފައިވާ ލުއިތަކަކީ ކުންފުނިތަކަށްވެސް ރައްދުވާ ލުއިތަކެއް ކަމުގައި މީރާއިން ބުނެއެވެ.