މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިއަހަރުގެ ފެބްރުއަރީ މަހު 1.27 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 9.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މީރާއަށް ލިބިފައިވަނީ 1.26 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މީރާއަށް ލިބުނު 1.27 ބިލިއަން ރުފިޔާގެ ތެރެއިން 459.2 މިލިއަނަކީ ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީ އެވެ. މިމުއްދަތުގައި އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 52.8 މިލިއަން ޑޮލަރުގަ އެވެ.

މީރާއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އަކީ އެމަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 3.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 0.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއާ އެކު އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި މީރާއަށް ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެތެރޭގައި ހިމެނެނީ 1.6 ބިލިއަން ދިވެހި ރުފިޔާއާއި، 120.6 މިލިއަން އެމެރިކާ ޑޮލަރެވެ.

މީރާއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ވަކިވަކި ބައިތަކަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 794.4 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ 62.7 އިންސައްތަ އެވެ. މީރާއަށް ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފީއާއި ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ފިއާއި ޗާޖުގެ ގޮތުގައި 180.6 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ 14.2 އިންސައްތަ އެވެ. މީރާއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ތިންވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 134.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މެއި މަހު މީރާއަށް ލިބުނު އާމްދަނީގެ 10.6 އިންސައްތަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 30.25 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.