އއ. މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާއަކީ މަތިވެރީ ކައުންސިލާއި ރައްޔިތުން ކުރި ކަމެއް ކަމަށް ކުރާ ތުހުމަތު އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
މަތިވެރީގައި ހުންނަ އެންމެ ބޮޑު ގެސްޓްހައުސް ކަމުގައިވާ ކާޒާ މިއާ ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަތިވެރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވައިވަނީ އަލިފާނުގެ ހާދިސާ ހިނގި ގެސްޓްހައުސްއަކީ ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް 10 އަހަރުގެ މުއްދަތަށް ކ.މާލެ، ހ. މާކޮށާރުގެ، އަބްދުއްރައްޒާގު އަލީއަށް ކުއްޔަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ގެސްޓްހައުސް ހިންގަނީ ކ.މާލެ، ހ. ތިމާވެށި، އަބްދުﷲ ޖާބިރުކަން އެކައުންސިލަށް އެނގިފައިވާ ކަމަށެވެ.
ކައުންސިލުން ބުނެފައިވައިވަނީ ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގައި މަތިވެރީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް ލާޒިމް ކޮށްފައިވާއިރު އެފުރުސަތު ޒުވާނުންނަށް ނުލިބޭ ކަމަށެވެ. އަދި ބިމުކުލި ގަވާއިދުން ދައްކަމުންވެސް ނުދާ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކޮށް ބިމާއި ބިމުގައި ހުރި އިމާރާތާއި މުދާ އަލުން އަނބުރާ ކައުންސިލަށް ނެގުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މަތިވެރީ ކައުންސިލުން ބުނެފައިވަނީ ގެސްޓްހައުސްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރު ގެސްޓްހައުސް ހިންގާ ފާރާތް ކަމަށްވާ އަބްދުﷲ ޖާބިރު ބައެއް މީޑިއާތައް މެދުވެރިކޮށް މަތިވެރި ކައުންސިލާއި، ރައްޔިތުންނާ ދޭތެރޭ މަސްލަހަތު ނަގާލައި، ކައުންސިލާއި ރައްޔިތުން ބަދުނާމު ކުރުމަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްް ފަތުރަމުންދާ ކަމަށެވެ. އަދި ހަގީގަތް އޮޅޭގޮތަށް ހަމައެކަނި ޖާބިރުގެ ވާހަކަތަކުން ޚަބަރު ފަތުރަމުންދިއުން ކުށްވެރިކުރާ ކަމަށާއި ގެސްޓްހައުސްގައި ރޯކޮށްލީ މަތިވެރީ ކައުންސިލާއި ރައްޔިތުންކަން ދޭހަވާގޮތަށް ޚަބަރު ފަތުރަމުންދާތީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ
މަތިވެރީ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި މިވަނީ، ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ނަގާފައިވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުން އުވާލައި ގެސްޓްހައުސް ހިންގުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާ މަޝްވަރާކޮށް، އެގޮތަށް އަމަލުކުރުމަށް ކައުންސިލުން ފާސްކޮށްފައި ވަނިކޮން ކަމަށެވެ. އަދި ބުދަ ދުވަހު ގެސްޓްހައުސްގައި މަސައްކަތް ކުރާ މަތިވެރި މީހުންނަށް މުސާރަ ދީފައިވާ ކަމަށާއި ނަމަވެސް ބިމު ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް 7 އޭޕްރީލްގައި ކައުންސިލާ ބައްދަލްކުރާނެ ކަމަށް ސިޓީއަކުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މަތިވެރީ ކައުންސިލުން ބުނީ ތަންތާގައި ހުޅުޖެހުންފަދަ ނާތަހުޒީބީ އަމަލެއް މަތިވެރި ކައުންސިލާއި ރައްޔިތުންގެ ތެރެއިން މީހަކުވެސް ނުކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނާއި މީޑިއާތަކަށް ދޭ ކަމަށެވެ.
މަތިވެރީ ކާޒާ މިއާ ގެސްޓްހައުސްގައި ރޯވެފައިވަނީ އާދީއްތަ ދުވަހުގެ ރޭ 10:25 ހާއިރެވެ. ގެސްޓުހައުސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ މަތިވެރީގެ ފަޔަރ ފައިޓާ ޓީމާއި، ފުލުހުންނާއި މަތިވެރީގެ ރައްޔިތުންގެ މަސައްކަތުންނެވެ. އަލިފާނުގެ މިހާދިސާގައި އެގެސްޓްހައުސްއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެސްޓްހައުސްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ގެސްޓްހައުސްގެ 6 ކޮޓަރިއެއް ވަނީ އަނދާފައެވެ.