ރައްޔިތުން ވޯޓު ދިނީ ކޯލިޝަން ސަރުކާރަކަށް ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ކޯލިޝަނުން އެންމެން ގުޅިގެން ކުރިޔަށްދިޔަ ނަމަ ގައުމުގެ މަސްލަހަތު ދެމިއޮތީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕޮރޮގްރާމްގައި އަލީ ހުސައިން ވިދާޅުވީ މި ސަރުކާރު ގެނައީ ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނީވެސް ވަކި ޕާޓީއަކަށް ނޫން ކަމަށާއި ވޯޓު ދިނީ ކޯލިޝަނަށް ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބަށް ވެސް ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރިހެން ކުރިޔަށްދިޔަ ނަމަ ގައުމުގެ މަސްލަހަތު މިހާރަށްވުރެ ރަގަޅު ވާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވާލެވުނު ކަމަށާއި ނަމަވެސް ޕާޓީތަކުން ވަކިން ވާދަކުރަން ޖެހުމަކީ އެއްބަސްވުމާ ޚިލާފަށް ހިނގައިދިޔަ ކަމެއް ކަމަށެވެ. އެއްބަސްވުމާ ޚިލާފަށް އެމްޑީޕީން ވަކި ޕާޓީއެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނިންމި ނަމަވެސް އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވި ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"2018 ގައި ކަމަށްވިޔަސް، މީގެ ކުރިން 2013 އަށް ބެލިކަމުގައިވިޔަސް، އަދި 2008 އަކަށް ބެއްޔަސް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކޮށްފައި ދެން ވަކި ހިސާބަކުން އެ ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ބޮޑުވެގެން ވަކިވަކިން މިދަނީ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ރައްޔިތުން ވޯޓު ދެނީ ކޯލިޝަން ސަރުކާރެއް ގެނައުމަށް. އެހެންވީމާ ގައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ނުވަތަ ސަރުކާރަކާ ދޭތެރޭގައި ރައްޔިތުންގެ އޮންނަ ސީދާ ސަތޭކަ ޕަސެންޓް އިތުބާރަށް ރަނގަޅު ފޯމިއުލާއެއް އެއީ އެކުގައި އަޅުގަނޑުމެންނަށް ވާދަކުރެވުން." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އެނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުން ހަގީގަތުގައި ދެކެން ބޭނުންވާ މަންޒަރަކީ ހުރިހާ ޕާޓީއަކުން ވެސް ގުޅިގެން އިސްލާހީ މަސައްކަތުގައި ކުރިއަށްދާ މަންޒަރު ކަމަށެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ކެންދޫ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާާ އަލީ ހުސައިން ވިދާޅުވީ އަންނަ މަޖިލީހާ މެދުގައި އުއްމީދުތަކެއް ވެސް ކުރައްވާާ ކަމަށާއި ކަންބޮޑުވުންތަކެއް ވެސް މަޖިލީހާ މެދުގައި އެބައޮތް ކަމަށެވެ.

މިގޮތުން އެންމެ ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން މެޖޯރިޓީގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާފާނެތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އަލީ ވިދާޅުވިއެވެ. ނަމަވެސް އަންނަ މަޖިލީހުގައި ކަންކަން ވެގެން ދާނެ ގޮތަކާ މެދު ގޮތެއް ނިންމުން އަދި މާއަވަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.