މީގެ 27 އަހަރު ކުރިން 1992 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ އޭރުގެ ދަރިވަރުން، ހަނދާނީ އަދި ތާރީޚީ ތަކެއްޗާއެކު ޓައިމް ކެޕްސޫލެއް ހަދައި ވަޅުލީ ވަރަށްވެސް ފޮނި އުންމީދުތަކަކާ އެކުގައެވެ. ސްކޫލުގެ 65 ވަނަ އަހަރީދުވަހު މި ކެޕްސޫލް ވަޅުލީ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާއިރު ނަގާ ގޮތަށެވެ. މަޖީދިއްޔާއަށް 100 އަހަރު ފުރޭނީ 2027 ވަނަ އަހަރެވެ. ނަމަވެސް އެތާރީޚަށްވުރެ މާކުރިން ކެޕްސޫލަށް މެދުވެރިވީ އެ ވަޅުލި ދަރިވަރުން ހިތަށްވެސް ނާރާ ގޮތެކެވެ.

2000 ލީޓަރުގެ ބޮޑު ހަމެއްގައި ތަކެތި ހަލާކުނުވާނެ ފަދަ ކެމިކަލްތައް ޖަހައި، ރަނގަޅަށް ބަންދުކޮށް ރައްކާތެރި ކުރުމަށްފަހު ވަޅުލި މި ކެޕްސޫލް ވީ ނުވީއެއް ނޭނގި ގެއްލުން ވެގެންދިޔައީ ދަރިވަރުންނާއި ސްކޫލުގެ އިސްވެރިންނަށްވެސް ލިބިގެންދިޔަ ވަރަށް ހިތާމަވެރި އަދި ސިއްސުވާލި ޚަބަރަކަށެވެ. މި ޚަބަރު ލިބުމާއި އެކު ސްކޫލުގައި އެދުވަސްވަރު އުޅުނު އަދި މި ކެޕްސޫލްގައި ތަކެތި ވަޅުލި ދަރިވަރުން އިސްވެ، އެ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން މިއަދު އެ ވަޅުލި ސަރަހައްދު ކޮނުމުގެ ތެރޭގައި ކެޕްސޫލްގެ ބައެއް ތަކެތިވަނީ ފެނިފައެވެ. އެހެންނަމަވެސް ފެނުނީ ހިތާމަވެރި މަންޒަރެކެވެ. ބޮޑު ކަޅު ހަމެއްގައި އެވަރަށް ރައްކާތެރިކުރި ތަކެތި ހުރީ ވީރާނާވެފައެވެ. ފެންނަން ހުރީވެސް އޭގެ އެއްބައެވެ. ތަކެތި ލާފައި ވަޅުލި ކަޅުހަމުގެ އެއްވެސް ބައެއް ފެންނާކަށް ނެތެވެ.

ކެޕްސޫލްގެ ތެރެއިން ފެނުނު ތަކެތި ވަރަށްވެސް ތަފާތެވެ. ކާފަގެ ނަމުގައި ލިޔެފައިވާ ސިޓީތަކާއި، އިސްދަރިވަރުންގެ ޔުނީފޯމާއި، ސްކޫލަށް ލިބިފައިވާ ބައެއް ޓްރޮފީތަކުގެ އިތުރަށް ޒީރޯ ޑިގްރީ އެޓޯލްގެ އަލްބަމެއްގެ ޓޭޕުވެސް ހިމެނެއެވެ. އެހެންނަމަވެސް ފެނުނު ތަކެއްޗަށްވުރެ އަދިވެސް ގިނައީ ނުފެންނަ ތަކެއްޗެވެ.