އިންޑިޔާގެ އާއްމު އިންތިޚާބުގައި އޮޅިގެން ނުބައި ޕާޓީއަކަށް ވޯޓުލެވިގެން އެކަމުގެ ހިތާމައިގައި މީހަކު އޭނާގެ ޝަހާދަތް އިނގިލި ބުރިކޮށްލައިފިއެވެ.

އުތުރުގެ ސްޓޭޓެއްކަމަށްވާ އުއްތަރު ޕްރަދޭޝްގެ ބުލަންދުޝަހަރަށް ނިސްބަތްވާ ޕަވަން ކުމާރު ވޯޓުލާން ބޭނުންވީ ސަރަހައްދީ ޕާޓީއަކަށެވެ. އެކަމަކު ވޯޓުލާ މަރުކަޒުގައި ހުރި އެކިޕާޓީތަކުގެ ރަމްޒުތައްފެނިފައި އޮޅިގެން އޭނާއަށް ވޯޓުލެވުނީ ވެރިކަންކުރާ ބީޖޭޕީއަށެވެ. ވޯޓުލާ ކޮންމެ މީހެއްގެ ޝަހާދަތް އިނގިލީގައި އެމީހަކު ވޯޓުލައިފިކަން އަންގައިދިނުމަށް ނުފޮހެވޭ ދެއްޔަކުން ފާހަގައެއްލައެވެ. މިފާހަގަ ފެންނަ ކޮންމެފަހަރަކު ޕަވަން ކުމާރު ރުޅިގަދަވާތީ އެންމެފަހުން އިނގިލި ބުރިކޮށްލީއެވެ. އޭނާ ބުނެފައިވަނީ ވޯޓުދޭން އުޅުނީ އެތަށްކަމަށާއި އެކަމަކު ދެވުނީ މަލަށް ކަމުގައެވެ. މަލަކީ ބީޖޭޕީގެ ރަމްޒެވެ. އެތަކީ އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ ޕާޓީއެއްކަމަށްވާ ބަހުޖަން ސަމާޖް ޕާޓީގެ ރަމްޒެވެ.

ކޮންމެ ކެންޑިޑޭޓެއްގެ ނަމާދިމާލުގައި އެމީހަކު ނިސްބަތްވާ ޕާޓީގެ ރަމްޒު ފެންނަން ހުރެއެވެ. މީހާގެ ނަމަށްވުރެ ގިނަމީހުން ބަލަނީ ޕާޓީގެ ރަމްޒަށެވެ. ލިޔަންކިޔަން ނޭގުނަސް ރަމްޒު ފެނުނީމާ ވޯޓުލާންވީ މީހާ އެނގެއެވެ.

އުއްތަރު ޕްރަދޭޝްއަކީ އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ބައިބޯ ސްޓޭޓެވެ. އިންޑިޔާގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުން ގިނަކަމުން އިންތިޚާބު ބާއްވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ބުރާސްފަތިދުވަހުގެ ވޯޓަކީ މިއިންތިޚާބުގެ ދެވަނަ ފިޔަވައްސެވެ.