މިސްކިތްތައް ބިނާކުރުމާއި އެތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

ދަރުމަކަމާކެމީގެ ގޮތުގައި ފެށި މި ހަރަކާތް ފައްޓަވާދެއްވާފައި ވަނީ ނާއިބުރައީސް ފައިސަލް ނަސީމެވެ. އިސްލާމީ މަރުކަޒުގައި ބާއްވާ މި ހަރަކާތް ކުރިޔަށް ދަނީ މިއަދު ހެނދުނު 9 އަކުން ފެސިގެން ހަވީރު ފަސްގަޑި ތިރީހާ ހަމައަށެވެ. މި ހަރަކާތުގައި މިސްކިތްތަކަށް ހެދަ ކުރުމަށް ބޭނުންވާ ފަރާތްތަކުން ފައިސާ ހަދިޔާ ކުރުމަށް ފަންޑު ފޮށި ބަހައްޓާފައިވާއިރު ފަންޑު ފޮށިތައް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ރާއްޖެގައި ގިނަ މިސްކިތްތަކެއް ހުރި އިރު މިސްކިތްތަކުގެ ހާލަތު ހުރީ އެންމެ ރަގަޅު ފެންވަރުގައި ނޫން ކަމަށެވެ. އަދި އެކަން ރައްޔިތުންނަށްވެސް އެނގޭ ކަމަށާއި އެކަން ހައްލު ކުރުމަށް އެހީތެރިވާން އެދޭ ރައްޔިތުން ވަރަށް ގިނަ ކަމަށެވެ.

އެހެންނަމަވެސް ދިވެހިންގެ ތެރޭގައި މިކަންކަމާއި ގުޅިގެން އޮތީ ނުބައި ވިސްނުމެއް ކަމަށާއި ދިވެހިންނަށް ވިސްނިފައިވާގޮތުންނަމަ ބޮޑު މިސްކިތެއް އަޅާނެ ފަދަ ނެތީވިއްޔާ އެފަދަ ކަމަކަށް ކުޑަ ހޭދަ އެއް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި އެފަދަ ކަމަކަށް ހޭދަ ކުރުމަށް އެދޭ ނަމަ ތިމާއަށް ވާ މިންވަރަކުން ކިތަންމެ ކުޑަ ހެދައެއް ކުރި ނަމަވެސް އެއިން ފުދޭނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދާ މި ހާއްސަ ހަރަކާތުގައި މިސްކިތްތަކުގެ މަރާމާތަށް ފަންޑު ހޯދުމުގެ އިތިރަށް މުދަލު ޒަކާތް ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ހަރަދުކުރާ ގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދުވެސް ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތަށް މީހުން ހޭލުންތެރިކުރުވުމަށްވެސް ހަމަޖެހިފައިވެއެވެ.