ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް އިޝްތިހާރު ކުރުމަށް ހިންގާ ގުލޯބަލް އެޑްވަޓައިޒިން ކެމްޕޭންގެ ދަށުން މަޝްހޫރު ނިއުސް އެޖެންސީ، ބީބީސީގައި މިއަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން މިކަން ހާމަކުރެއްވީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ހަރުދަނާކޮށް އިޝްތިހާރު ކުރުމާއި ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަށް ހިންގާ ޕޮރޮގްރާމްތަކުގެ ތެރެއިން، ލޯކަލް އައިލެންޑު ޓޫރިޒަމް މާކެޓިން ސެމިނާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މިރަސްމިއްޔާތުގައި ތޮއްޔިބް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް އިޝްތިހާރުކުރުމުގެ ގޮތުން ޝޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ އެޑްވަޓައިޒިން ކެމްޕޭންގެ ދަށުން ރާއްޖެ އިޝްތިހާރު ކުރުމަށް ތިން ޓީވީ ޗެނަލްކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެގޮތުން ބީބީސީ، ސީއެންއެން، އަދި ނެޝަނަލް ޖިއޮގްރަފީ ޗެނަލުން ޕްރޮޕޯސަލް ހުށަހެޅި ކަމަށް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ބޯޑުގައި ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު އެންމެ ރަގަޅު ހުށައެޅުމެއް ހުށަހަޅާފައިވަނީ ބީބީސީން ކަމަށްވާތީ މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ބީބީސީ ކަނޑައެޅީ ކަމަށްވެސް ވިދާޅުވި އެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ އޮންލައިން މާކެޓް ކެމްޕޭންގެ ވާހަކަވެސް ދައްކާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިކެމްޕޭން ނުފެށި ލަސްވަނީ ގިނަ ބަޔަަކަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަކަށް މިކެމްޕޭން ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އޮންލައިން މާކެޓިން ކެމްޕޭން ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެެވެ. އޮންލައިން މާކެޓިން ކެމްޕޭނުގެ ތެރެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ ހޭދައިން ލިބޭ ފައިދާ ދެނެގަންނާނެ ގޮތްތައް ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި ކެމްޕޭނުގެ މަގުސަދަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރާއްޖެއިން ކުރާ ހޭދައިން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެނީ ކޮން ފައިދާއެއްތޯ ބެލުން ކަމަށްވެސް ވިދާޅުވި އެވެ.