ރަމަޟާންމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.

މީރާއިން ބުނީ މި ރަމަޟާންމަހު އެ އިދާރާއިން ހިދުމަތްދެނީ އާދިއްތަ ދުވަހުން ފެށިގެން ބްރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހިދުމަތްދޭނީ ހެނދުނު 10:00 އިން މެންދުރު ފަހު 1:30 އަށް ކަމަށް ވެސް މީރާއިން މައުލުމާތު ދެއެވެ.

ރޯދަމަސް ފިޔަވައި އެހެން މަސްމަހު މީރާއިން މީގެ ކުރިން ހިދުމަތްދެމުން އައިސްފައި ވަނީ ސަރުކާރު ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ރޯދަމަހު މީރާއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައި ވާއިރު، ސަރުކާރު ވުޒާރާތަކާއި ސުކޫލް މަދަރުސާ ތަކުގެ އިތުރުން ބެންކުތަކުން ވެސް ހިދުމަތްދޭ ގަޑިަތަކަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އަދި ރޯދަމަހު ކެފޭތަކާއި ރެސްޓޯރެންޓް އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައި ވާއިރު، ރޯދަމަހު މާލޭގެ މަގުތަކުގައި ވެހިކަލްގައި މުދާ އުފުލޭނެ ވަގުތުތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ޝައުބާން މަސް ފުރިހަމަވެ، ރަމަޟާން މަހުގެ ހަނދު އުފަންވާނީ ރާއްޖޭ ގަޑިން މިރޭ ފަތިހު 3:45 ގައެވެ. ރާއްޖޭގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ. އެހެން ކަމުން ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ވެސް ފަލަކީ އިލްމުވެރިން ވިދާޅުވެއެވެ.