މިދިޔަ މަހު މީރާއަށް 1.31 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 6.3 އިންސައްތަ އިތުރު އަދަދެއް ކަަމަށް ވެސް މީރާއިން މައުލުމާތު ދެއެވެ.

މީރާއިން ބުނީ، ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީވެ ކަމަށެވެ. އަދި އެޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ޖީޖީއެސްޓީ، ބީޕީޓީ އަދި ރިޒޯޓު ކުލީގެގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީވެ ކަމަށް ވެސް މިރާއިން މައުލުމާތު ދެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު އެއޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިން ކަަމށެވެ. އެއީ 67.1 އިންސައްތަ ނުވަތަ 875.69 މިލިއަން ރުފިޔާއެވެ ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސް އިންނެވެ. އެއީ 6.4 އިންސައްތަ ނުވަތަ 83.6 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން މައުލުމާތު ދެއެވެ.

މީގެ އިތުރުން މީރާއިން ބުނީ، މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.