އަތޮޅުތަކަށް ޚާއްސަކޮށްގެން "އަލިވާރު"ގެ ނަމުގައި މީރާއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖައްސައިފިއެވެ.

މީރާއިން ބުނީ "އަލިވާރު" ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުކަމަށެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ، ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ޓެކުހުގެ ނިޒާމަށް އިތުރަށް ހޭލުންތެރިކޮށް، ޓެކްސް ނިޒާމުގައި ލިބެންހުރި ފަސޭހަތަކާއި ލުއިތަކާގުޅޭގޮތުން މައުލޫމާތު، އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ފޯރުކޮށްދިނުންކަމަށް މީރާއިން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން، މީރާގެ ޓީމުތަކުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެހެންކަމުން، އަތޮޅުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން މީރާގެ ޓީމުތަކާއި ގުޅިގެން ޓެކުހުގެ މައުލޫމާތު އޮޅުންފިލުވައި ޓެކުހުގެ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މީރާއިން ވަނީ އެދިފައެވެ.

މީރާ އުފެދުނުފަހުން، ޓެކުހަށް ވިޔަފާރިތަކާއި، އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި އެ މަސައްކަތްތަކުން ކާމިޔާބު ނަތީޖާތަކެއްވެސް ަވަނީ ފެނިގެންގޮސްފައެވެ.