މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މި ނިންމުން ނިންމީ މާލޭގެ މަގުތައް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޚާއްސަ ޕްލޭނާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި އަންގާރަ ދުވަހު މަޝްވަރާ ކުރުމަށްފަހު އެވެ.

"ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" ގެ ނަމުގައި ސިޓީ ކައުންސިލުން ތައްޔާރުކުރި ޕްލޭނާ ގުޅޭގޮތުން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅައި އެއަށް ވަނީ މަޝްވަރާ ކޮށްފައެވެ.

މި ޕްލޭނަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެންދާއިރު މާލޭގެ މަގުތައް ގިންތިކުރެވި، ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ ހަދާ މީހުންނަސް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށެވެ. އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެންހިނދުމުގެ ނިޒާމާއި ޑީވޯޓަރިންއާއި އަދި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމުފަދަ ޔޫޓިލިޓީގެ ޚިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.

މި ޕްލޭނާ އެއްގޮތަށް މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ޚިދުމަތް އަލުން ތައާރަފުކުރެވި މަގުތައް ފެހިކޮށް، ހިނގާބިގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމުކުރެވި، ފައިމަގުގައި އުޅުމަށް ހިތްވަރު ލިބި މަގުތައް ބޭނުން ކުރުމަށް ވެސް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.