އީ-ސިނގިރޭޓް ބޭނުންކުރުމުން ނުވަތަ ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ޖެހޭ އާ ބައްޔެއް ފެންނަމުންދާ ކަމަށް އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ، އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމްސް ނުވަތަ އީ-ސިނގިރޭޓާއި ގުޅޭ ގޮތުން ވީ ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ މުހައްމަދު އަލީ ވިދާޅުވީ މި ބަލި ފެންނަން ފަށާފައިވަނީ މިއަހަރު ތެރޭގައި އެމެރިކާ ސަރަހައްދުން ކަމަށާއި މިބަލީގެ ސަބަބުން ފުއްޕާމޭ އެއްކޮށް ހަލާކުކޮށްލާ ކަމަށެވެ.

މިއީ އަދި ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާއިރު މިބައްޔަށް ކުރެވޭ ހަމައެކަނި ކަމަކީ ފުއްޕާމޭ ބަދަލުކުރުން ކަމަށްވެސް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑޮކްޓަރަށް ދައްކަން ބަލިމީހާ މި އަންނަނީ ނޭވާއަށް އުނދަގޫވެގެން. އިންފެކްޝަންއަކާ ގުޅިގެންވެސް މިގޮތަށް ދިމާވެދާނެ. އެކްސްރޭ އިން ފެންނަނީ ދެ ފަރާތު ފުއްޕާމޭގައިވެސް ނިޔުމޯނިއާ ހުންނަކަހަލަ ގޮތަަކަށް. ގިނަ ބެލުންތަކަށްފަހު ފަރުވާ މި ކުރަން ފެށެނީ. އެހެންނަމަވެސް މިކަމަށް ޚާއްސަ ބޭހެއް އަދި މިވަގުތު ހޯދިފައެއް ނެތް
ޑރ މުޙައްމަދު އަލީ

އާއްމުކޮށް ބޭނުންކުރާ އީ-ސިނގިރޭޓްގެ ބާވަތްތަކުގެ އެންމެ ކާޓްރިޖެއްގައި 20 ސިނގިރޭޓުގައި ހިމެނޭ މިންވަރަށް ނިކޮޓިން ހުރެއެވެ. މިހާތަނަށް ކުރެވުނު ދިރާސާތަކުން އީ-ސިނގިރޭޓް ކާޓްރިޖްގައި ފާހަގަކުރެވިފައިވާ އިތުރު މާއްދާތަކުގެ ތެރޭގައި ފްލޭވަރިންގގެ އިތުރުން ގްލައިސިރިން، ރަލުގެ ބާވަތެއް ކަމުގައިވާ އެތަނޯލްއާއި މެރުއާނާއިން ތައްޔާރުކޮށްފައިވާ ބާވަތްތައް، އަދި އެކި ބާވަތުގެ ވިހަ މާއްދާތައް ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އީ-ސިނގިރޭޓްގެ ނުރައްކާ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަޖުރިބާ ކުރަމުންދާއިރު އީ-ސިނގިރޭޓްގެ އެންމެ އާއްމު ވައްތަރު ކަމުގައިވާ ވޭޕް ކުރުމުގެ ސަބަބުން އެމެރިކާގައި އެތައް ސަތޭކަ ބަޔަކު ބަލިވެ، ގިނަ ޒުވާނުންތަކެއް ވަނީ މަރުވެފައެވެ.

ވޭޕްކޮށްގެން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 2000 އަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ސިއްހީ ގެއްލުންތައް ވެފައިވާއިރު މިހާތަނަށް 42 މީހަކު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

އީ-ސިނގިރޭޓްގެ ސިއްހީ ނުރައްކާތެރިކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް (ސީ.ޑީ.ސީ) އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފް.ޑީ.އޭ) ގުޅިގެން ނެރެފައިވާ ބަޔާނުގައި އީ-ސިނގިރޭޓް ބޭނުންކުރުން އެއްގޮތަކަށްވެސް ރައްކާތެރި ނޫން ކަމުން އީ-ސިނގިރޭޓް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ އިތުރުން ދުނިޔޭގެ 25 ގައުމެއްގައި މިހާރު ވަނީ އީ-ސިނގިރޭޓް މަނާކޮށްފައެވެ. މީގެ ތެރޭގައި މި ސަރަހައްދުގެ ގައުމުތައް ކަމުގައިވާ ސިންގަޕޯރ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާ، ނޭޕާލް، ތައިލެންޑް، ޓީމޯރލެސްތޭ، ސްރީލަންކާ ހިމެނެއެވެ. އަދި ދާދިފަހުން އިންޑިއާ އިން ވެސް ވަނީ އީ-ސިނގިރޭޓް މަނާކޮށްފައެވެ.