މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުން ރިއު ހޮޓެލްސް އާއެކު ފާހަގަކޮށްފިއެވެ.
މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް މިދިޔަ އާދިއްތަ ދުވަހު އިފްތިތާހު ކޮށްފައިވާއިރު، ރަސްމީކޮށް ދަތުރުތައް ކުރަންފެށީ މިމަހުގެ 19 ވަނަ ދުވަހުއެެވެ.
މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން ދަތުރު، ދ. އަތޮޅުގައި ދާދިފަހުން ހުޅުވި ރިއު ހޮޓެލްސްއަށް ކޮށްފައިވާއިރު، މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުން ފާހަގަކުރުމަށް ރިއު ހޮޓެލްސްގައި ވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.
މަންޓާ އެއާގެ ސީޕްލޭން ހިދުމަތާއެކު އާދިއްތަ ދުވަހު ވަނީ އެ އެއާލައިންގެ ސީޕްލޭން ޓާމިނަލް އަދި ލައުންޖް ވެސް ހުޅުވާފަ އެވެ.
އެ އެއާލައިނުން ސީޕްލޭން ދަތުރުތަކުގައި ބޭނުން ކުރާނީ އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ސީޕްލޭންތަކެއް ކަމަށް އެ އެއާލައިނުން ބުނެއެވެ.
މި ސީޕްލޭންގައި ދެ ޕައިލެޓުންނާ އެކު 15 މީހުންގެ ޖާގަ ހުންނާނެ އެވެ. މިއީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުނެއެެވެ.
މީގެ އިތުރަށް މި ފްލައިޓުގައި ވައިގެ ދަތުރުފަތުރުގެ އެންމެ ފަހުގެ އާލާތްތައް ވަނީ ހަރުކޮށްފައެވެ.
މަންޓާ އެއާ އިން މިހާތަނަށް ހަތަރު ސީޕްލޭން ރާއްޖެ ގެނެސްފައިވާއިރު، އެ ކުންފުނިން ވަނީ ޖުމުލަ 10 ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރުމަށް ގެނައުމަށް ނިންމާފަ އެވެ.
މަންޓާ އެއާއިން ސީޕްލޭން ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މަންޓާއިން ދަތުރުކުރާ އެއާޕޯޓުތަކާ ކައިރީ އޮންނަ ރިސޯޓުތަކަށެވެ.
މަންޓާ އިން ބުނީ ސީޕްލޭންގެ ހިދުމަތްތަކަށް ވެސް ދުރާލާ ސީޓް ބުކްކޮށްލެވޭނެ ކަމަށާއި ސީޕްލޭން ހިދުމަތާއެކު ކަސްޓަމަރުންނަށް "މަންޓާ" ސްޓޭންޑަޑުގެ ހިދުމަތް ދޭނެ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހު މަންޓާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިނެވެ. މަންޓާ އެއަރ އިން މިވަގުތު ވައިގެ ދަތުރުތައް ކުރަމުންދަނީ ބ. ދަރަވަންދޫ އާއި ދ. ކުޑަހުވަދޫ އަށެވެ.