ޑރ.އަފްރާޝީމް އަލީގެ މަރާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދަށް ދައުވާ ކުރުމަށް އެދި ރިޔާސީ ކޮމިޝަނުން ޕީޖީއަށް ފޮނުވައިފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޑރ ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޑރ އަފްރާޝީމް އަލީގެ މަރާ ގުޅިގެން އެ ކޮމިޝަނަށް ދޮގު މައުލޫމާތު ދެއްވާފައިވާތީއާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ ކަމަށެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެކުލަވާލި ތަހްގީގު ރިޕޯޓްގައި ފާހަގަކޮށްފައިވާ ޖިނާއީ ކުށްކުރި އެންމެންނަށް ފިޔަވަޅުއަޅަން ރައްޔިތުންގެ މަޖިލިހުން ވެސް ވަނީ ފާސްކޮށްފައެވެ.

ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، އެކުލަވާލި ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅުއަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފައިވާއިރު ފިޔަވަޅުއަޅަން ނިންމި ފަރާތްތަކުގެ ތެރޭގައި ޑރ ޝަހީމާއި ޖަމިއްޔަތުއް ސަލަފްވެސް ހިމެނެއެވެ. އެހެންނަމަވެސް މި ތުހުމަތުތައް ޑރ ޝަހީމްވެސް، އަދި ސަލަފުންވެސް ވަނީ ދޮގުކޮށްފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ.