ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްސަ އިސްލާމިކް ފެއަރ ކުޑަކުދިންގެ ހަވީރު މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑެޕިޔުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ ފެއަރ ކުރިއަށްދާއިރު ތަފާތު އެކި ސްޓޯލްތައް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. ފެއަރ ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީ ނުވަތަ އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށެވެ. އަދި ރޭގަނޑު 08:00 އިން 10:00 އަށްވެސް މިފެއަރ ކުރިއަށްދާނެ ކަމަށް ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ފެއަރއާ ބެހޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން މީޑިޔާ އޮފިޝަލް އިސްމާއިލް އަފްރާހު ވިދާޅުވީ ފެއަރގައި މައިގަނޑު 13 ސްޓޯލެއް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އޭގެ ތެރެއިން 7 ސްޓޯލަކީ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ސްޓޯލްތައް ކަމަށް އަފްރާހު ވިދާޅުވިއެވެ. އަދި ބައެއް ސްޓޯލްތަކަކީ މިނިސްޓްރީ ފިޔަވައި ބައެއް އެހެން ތަންތަނުން ކުރިއަށްގެންދާ ސްޓޯލްތައްކަން އަފްރާހު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)، އެކްސެލް އިންޓަނޭޝަނަލް ސްކޫލް އަދި އަޔާދީ ތަކާފުލް ހިމެނޭ ކަމަށް އަފްރާހު ވިދާޅުވިއެވެ.

މިސްޓޯލްތައް ތައްޔާރު ކުރެވިފައިވާނީ މަޖާ، ކުދިންނާ ރައްޓެހި މާހަލުއްގައި ދީނީ ކަންކަން ވެސް އެކުލެވޭފަދަ ގޮތަކަށް ކަމަށް އަފްރާހު ވިދާޅުވިއެވެ. އަދި ތަފާތު ކުޅިވަރުތަކުގެ ތެރެއިން މުހިންމު ޝައުގުވެރި ކަންކަން ނުވަތަ އާ މައުލޫމާތު ކުދިންނަށް ދަސްވެގެންދާނެ ކަމަށްވެސް އަފްރާހު ވިދާޅުވިއެވެ.

މީގެ އިތުރަށް އިސްލާމިކް ސްޓޫޑިއޯގެ ފަރާތުން ސްޓޭޖް ހަރާކްތައް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށްވެސް އަފްރާހު ވިދާޅުވިއެވެ. އެގޮތުން ފެއަރގައި ބައިވެރިވުމަށް އަންނަ ކުދިންނަށް އެކުދިންގެ ބައެއް ކަހަލަ ހުނަރުތައް ދައްކާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ.

ފެއަރގެ ތެރެއިން ފޮތް ވިއްކުމުގެ އިންތިޒާމްވެސް ހަމަޖައްސާފައި ހުންނާނެކަމަށް އަފްރާހު ވިދާޅުވިއެވެ. މިނިސްޓްރީގެ އިތުރަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ހުރި ބައެއް ދީނީ ފޮތްތައް ވިއްކަމުން ގެންދާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ކަމުދާނެ ފަދަ ފޮތްތައް ހުންނާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ. އަދި ފޮތް ވިއްކުމުގެ އިތުރަށް ބައެއް ފޮތްތައް ބެހުމުގެ އިންތިޒާމްވެސް ހަމަޖައްސާފައިވާނެކަމަށް އަފްރާހު ވިދާޅުވިއެވެ.

ފެއަރއާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި އަފްރާހު ފާހަގަކުރެއްވީ ފެއަރ ކުރިއަށްދާއިރު ޓެލެސްކޯޕެއް ބެހެއްޓިފައި ހުންނާނެ ކަމެވެ. އެގޮތުން ރޭގަނޑު ޓެލެސްކޯޕް މެދުވެރިކޮށް ހަނދާއި ތަރިތައް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ، ކޮންމެ ކުއްޖަކަށްވެސް ލިބިގެންދާނެ ކަމަށް ޑެޕިޔުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވިއެވެ. އަދި ކުޅިވަރުތައް ކުޅުވުމުގައި ކުދިން އަންނަ ތަރުތީބަށް އިސްކަންދޭނެ ކަމަށް ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވިއެވެ.