އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާގައި ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލް ސަމިޓަށް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް، ގަތަރުގެ އަމީރަށް ދައުވަތު ދެއްވައިފިއެވެ.

ގަލްފް ސަރަހައްދުގެ ހަގައުމު ހިމެނޭ ޖީސީސީ ސަމިޓަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީއަށް ދައުވަތު ލިބިފައިވާކަން ގަތަރުގެ ޚާރިޖިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

"ޖީސީސީ ސުޕްރީމް ކައުންސިލްގެ ސާޅީސްވަނަ ސެޝަންގައި ބައިވެރިވެވަޑައި ގަތުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސުއޫދު ފޮނުއްވި މެސެޖެއް، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީއަށް ވަނީ ލިބިވަޑައިގެންފައި"
ގަތަރުގެ ޚާރިޖިއްޔާ

ޚަބަރު ލިބޭގޮތުގައި، ސައުދީ ރަސްގެފާނުގެ މެސެޖް، ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުހަންމަދު ބިން އަބްދުއްރަހްމާން އައްޘާނީއާ ހަވާލުކޮށްދެއްވީ، ދޯހާއަށް މިވަގުތު ވަޑައިގެން އުޅުއްވާ ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއެވެ.

ޖީސީސީގެ ސާޅީސްވަނަ ސަމިޓް ބާއްވަން ތާވަލް ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައެވެ.

ސައުދީ ރަސްގެފާނު ފޮނުއްވި ދައުވަތު ގަތަރުގެ އަމީރު ގަބޫލުފުޅުކުރެއްވި ކަމެއް އަދި ސާފެއް ނުވެއެވެ.

ޖީސީސީ ސަމިޓަށް ސައުދީ ރަސްގެފާނު ގަތަރުގެ އަމީރަށް ދައުވަތު ފޮނުއްވިއިރު، ސައުދީ އަރަބިއްޔާއިން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، އެގައުމަށް ދަތިކޮށްފައި އޮންނަތާ ދެއަހަރުވެއްޖެއެވެ. ސައުދީ އަރަބިއްޔާގެ އިތުރުން، ޖީސީސީގައި ހިމެނޭ ޔޫއޭއީ، ބަހްރެއިންގެ އިތުރުން، މިސްރުންވެސް ވަނީ 2017 ވަނަ އަހަރުން ފެށިގެން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

މި ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި ދުނިޔެއިން އެކަހެރިކުރުމުގެ ސިޔާސަތެއް ގެންގުޅެމުންދަނީ ގަތަރުން ޓެރަރިޒަމަށް މާލީ ހޭދަކޮށް އެކަމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް ގަތަރުން ގެންދަނީ ތަކުރަރުކޮށް އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ގަލަފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައި އޮތް ނަމަވެސް، އެ ހުރިހާ ގައުމަކުންވެސް ގެންދަނީ ގަތަރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވަމުންނެވެ. އެ މުބާރާތުގައި ބައިވެރިވާނެކަން އެ ގައުމުތަކުން އިޢްލާން ކުރީވެސް އެންމެފަހު މިނެޓްގައެވެ.

މަސްރަހް ފިނިވުމުގެ އަސަރުތައް ފެންނަން ފަށާފައި ވާއިރު، ގަތަރުގެ ޚާރިޖީ ވަޒީރު މިދިޔަމަހު ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވި ކަމުގެ ރިޕޯޓްތައްވެް ފެތުރިފައި ވެއެވެ.