އެމްއެންޑިއެފްއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާތަނަކަށް ވޭތުވެދިޔަ އެއް އަހަރުތެރޭ ހެދިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވީޓިވީން ގެނެސްދޭ އިންޑެޕްތު ޕްރޮގްރަމްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރުތެރޭގައި ގައުމީ ދިފާއީ ބާރުން ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވިއްޖެ ކަމަށެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެގޮތުން ގައުމީ ދިފާއީ ބާރަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ތަނަކަށް ހެދިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ މަސައްކަތްތަކާއި އޮފިސަރުން މަސައްކަތް ކުރަންވީގޮތް ލިޔެ ވަކި ގަވާއިދުތަކެއް ހެދިފައިވާ ކަމަށާއި ނުފޫޒުން އެއްކިބާވެ މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޑިފެންސް ފޯސްގައި ގާއިމް ކުރެވިއްޖެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއާކީ ގުދުރަތީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ގައުމެއް ކަމަށާ ގިނަ ގޮންޖެހުންތަކަކާއި ވޭތުވެދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރު މަހު ހިނގާދިޔަ ބޮޑު އަލިފާނުގެ ދެހާދިސާއިން އަރައިގަތުމަށް ކުރަން ޖެހުނު ކަންތައްތަކާއި އޭވިއޭޝަން ސެކިއުރިޓި ވަރުގަދަކުރަން ކުރި މަސައްކަތަތް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މީހުން އުޅޭތަންތަނުގައި ކެމިކަލް ރައްކާކުރުމަށް ވަކި ހާއްސަ ގަވާއިދުތަކެއް ހަދާ ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިވެރިންނާއި ރައްޔިތުންގެ އެއްބާރުލުމާއެކު އެގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އެކްޝަން ޕްލޭން ތައްޔާރުކޮށް ޓެރަރިޒަމްގެ އަމަލުތަކާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތައް ހުއްޓުވުމަށް ވެސް ގިނަ މަސައްކަތަކެއް ވޭތުވެދިޔަ އަހަރު ތެރޭގައި ކުރެވުނު ކަމަށެވެ.