ހއ. މުރައިދޫގައި ތިން ކުޅިވަރަކަށް ހާއްސަކޮށްގެން ނިޔާ އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް ހުޅުވައިފިއެވެ.

2017 ވަނަ އަހަރުން ފެށިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޖެނަރަލް ސެކްޓަރީކަންކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އަޙްމަދު ނިޔާޒް މޫސާ (ޓެޑް) އަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ އަންހެން ފުޓްބޯޅަ ޓީމު ކަމަށްވާ ނިއުގެ އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ދެ އަހަރު އެޓީމަށް ތަށި ހޯދައިދިން ކޯޗެކެވެ. ނިއުގެ ވެޓަރަންސް ޓީމާއި 21 އަހަރުންދަށުގެ ޓީމުގެ ހެޑްކޯޗުކަންކުރުމުގެ އިތުރުން 2016 ވަނަ އަހަރު ނިއުގެ ސީނިޔަ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސްކޮށްދީފައިވެއެވެ.

13 އަހަރު ސިފައިންގެ އެސްޕީޖީގައި ހިދުމަތްކުރި ޓެޑް ވަނީ ސިފައިންގެ ޓީމު ދެވަނަ ޑިވިޒަނުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރިއިރު އިހްސާން އަބްދުލް އަނީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

ޓެޑްގެ އުފަންރަށުގައި އޭނާ ހުޅުވި އެކަޑަމީ އަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިގެން ކުރިޔަށްގެންދާ އެކަޑަމީ އެކެވެ.

109 ކުޅުންތެރިން ނާއި އެކު ފެށި މި އެކަޑަމީގައި އަންހެން ކުޅުންތެރިން ތަމްރީން ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އެކަޑަމީ ފެށިއިރު 41 އަންހެން ކުޅުންތެރިން ހިމެނެއެވެ. އެކަޑަމީގެ ހެޑް ކޯޗުގެ ގޮތުގައި ޓެޑް ހުންނައިރު އޭނަގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަން މުރައިދޫ އިން ހަތަރު ކޯޗުން މަސައްކަތް ކުރާނެ ކަމަށް ޓެޑް ބުނެއެވެ.

އެކަޑަމީގައި ކުރިޔަށްގެންދާ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ހޭންޑް ބޯޅަ ހިމެނެއެވެ.

ހއ. މުރައިދޫގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމީ މި އަތޮޅުގައި ކުޅިވަރުން ރަނގަޅު ޖީލެއް ބިނާކުރުމާއި އެކު އަހްލާގު ރަނގަޅު ކުޅުންތެރިންތަކެއް އެއްމެ މަތީފެންވަރުގައި ކުޅިވަރަށް ނެރުމަށް ކަމަށް ނިޔާ އެކަޑަމީ އިން ބުނެއެވެ.

އެކަޑަމީގެ ފަރާތުން ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމުގެ އިތުރުން ކުޅުންތެރިން ހިމެނޭ ގޮތައް އިޖްތިމާއީ އެކި މުބާރާތްތައް ރޭވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރިޔަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެކަޑަމީ އިން ބުނެއެވެ.

ފުރަތަމަ އެކަޑަމީ އާއި އެކު ނިޔާ އެކަޑަމީގެ ހަރަކާތްތައް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ވަރަށް އަވަހަށް ހުޅުމާލެ އާއި ހއ. ގެ އިތުރު ރައްތަކުގައި ނިޔާ އެކަޑަމީގެ އިތުރު ގޮފިތައް ހުޅުވިގެންދާނެ ކަމަށް އެ އެކަޑަމީ އިން ބުނެއެވެ.