މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ރަށުން ބޭރުގައި ކަރަންޓީނު ވުމުގެ ބަދަލުގައި ރަށަށް ގޮސް ރަށުގައި ކަރަންޓީނު ވުމަށް އެތައް ބަޔަކު އެދެމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެންއީއޯސީން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ ރަށަރަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން އުސޫލެއް ހަދާފައިވާ ކަމަށާއި ކަރަންޓީނަށް ރިސޯޓުތަކަށް މީހުން ފޮނުވަމުންދާއިރު، ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ހުޅުމާލޭ ގެސްޓްހައުސްތައް ވެސް މިހާރު ބޭނުންކުރަމުންދާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ކަރަންޓީނަށް ރަށަށް ނުވަތަ ރަށުގެ ގެޔަށް ބަދަލުވާން ވަރަށް ގިނަ ބަޔަކު އެދޭ ކަމަށާއި ނަމަވެސް އެޗުޕީއޭއިން އެގޮތަށް ހުއްދަދީފައި ނޯންނަ ކަމަށެވެ. އާންމުގޮތެއްގައި މިގޮތަށް ސީދާ ރަށުގައި ކަރަންޓީނުވާން ބޭނުންވަނީ ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންކަން ޔުމްނާ ފާހަގަކުރެއްވިއެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ 128 މީހުން ރަށަށް ދިއުމަށް ކަރަންޓީނު ވެފައިވާ ކަމަށާއި ބައެއް މީހުން މިހާރު ވަނީ ރަށަށް ގޮސްފައި ކަމަށެވެ.

ވަރަށް ގިނަ ބަޔަކު އެބަތިބި ވަރަށް ދަތި ހާލުގައި. ކަރަންޓީނަށް ގެންގޮސްފިނަމަ މިސާލަކަށް އެނދުމަތިވެފައި ތިބި މީހުން، ކެންސަރ މީހުން، ޚާއްސަ އަޅާލުމެއް، ޚާއްސަ ކެއުންތަކެއް ބޭނުންވާ މީހުން. އެކަމަކު އަޅުގަނޑުމެންނަށް، ނުވަތަ ޚާއްސަ ކޮމިޓީއަށް އެޗުޕީއޭގެ ހުއްދަ ނެތި އެގޮތަށް ނުހެދޭނެ.
ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ

ޔުމްނާ ވިދާޅުވީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ބަލި މީހުންނާއި ނުުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ބޭނުންތައް ބަލައި އެކަންކަން ހަމަޖައްސަމުންދާ ކަމަށެވެ. މިނިސްޓްރީން ޚިދުމަތް ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ގޭގައި ކެއްކޭނެފަދަ ނެތް މީހުންނަށް ކެއްކުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު މެއި މަހުގެ ނިޔަލަށް 600 ކެއާ ޕެކް ފޯރުކޮށްދެވިފައިވާ ކަމަށާއި އާންމުކޮށް ރޯދަމަހު އެވްރެޖްކޮށް 310 މީލް ނުވަތަ ކައްކާފައި ހުންނަ ކާނާ ޕާރުސަލް ފޯރުކޮށްދެވުނު ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި މެއި 31 ގެ ނިޔަލަށް ޖުމުލަ 54،000 މީލް ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ހަތަރު މިލިއަން ހަސަތޭކަ ތޭވީސްހާސް ފަންސަވީސް ރުފިޔާ ލިބިފައިވާ ކަމަށާއި މީގެ ތެރޭގައި އެހީދޭ އެކި ފަރާތްތަކުގެ އެހީ ވެސް ހިމެނޭ ކަމަށެވެ. މިހާތަނަށް 1.6 މިލިއަން ޚަރަދުކުރެވިފައިވާ ކަމަށާއި ބޮޑުބައި ހޭދަކޮށްފައިވަނީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ. ފައިސާގެ އެހީގެ ގޮތުގައި 185،000 ރުފިޔާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ މައްސަލަތައް ހުށަހެޅުމަށް ގާއިމުކޮށްފައިވާ ހޮޓްލައިން 1421 ގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެމުންދާ ކަމަށާއި އެވްރެޖްކޮށް ދުވާލަކު 640 ފޯނުކޯލު އަންނަ ކަމަށް ޔުމްނާ ވިދާޅުވިއެވެ. ޝަކުވާތައް ވެސް އަންނަކަން ފާހަގަކުރައްވައި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ގޮންޖެހުންތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް ރަގަޅަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.