ކޮވިޑް-19 ބަލީގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، މިއަދު ހެނދުނު 6:20 ގައި ނިޔާވެފައިވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި، އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

މިއީ، ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 7 ވަނަ މީހާއެވެ.

މިބަލީގައި އިއްޔެވެސް ރާއްޖެއިން ވަނީ މީހަކު ނިޔާވެފައެވެ.

އިއްޔެ މެންދުރު 14:30 ގައި ނިޔާވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދިޔަ އުމުރުން 54 އަހަރުގެ ބަނގްލަދޭޝްގެ ރައްޔިތެކެވެ.

ކޮވިޑް-19 ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ، 4 ދިވެހިންނާއި، ބަނގްލަދޭޝްގެ 3 މީހުންނެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އިއްޔެ ހަވީރު 6:00 އާ ހަމައަށް 1،829 އަށް އަރާފައި ވާއިރު، އިއްޔެ އެކަނިވެސް 56 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުން މިހާތަނަށް ބަލިން ފަސޭހަވެފައިވާއިރު، އިއްޔެ އެކަނިވެސް 35 މީހުން ބަލިން ފަސޭހަވެފައި ވެއެވެ.