ކޮވިޑް-19 ބަލީގައި މިއަދު ނިޔާވި އުމުރުން ދުވަސްވީ އަންހެންމީހާ ނިޔާވިކަން އެނގުނީ މިއަދު ހެނދުނު ނިދާ ނުހޭލައިގެން ބެލިއިރުގައި ކަމަށް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، މިއަދު ހެނދުނު 6:20 ގައި ނިޔާވެފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި ހުރި، އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް އަޒީޒް ވިދާޅުވީ، ނިޔާވި އަންހެންމީހާއަކީ ބަލިހާލަތުގެ ގޮތުން އެނދުދާންމަތިވެފައިވާ މީހެއް ކަމަށާއި، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މި ނިމުނު މެއިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އެކްޓިވް ސާރވެއިލަންސް ސާމްޕްލިންގެ ތެރެއިން ނިޔާވި އަންހެންމީހާއާއި އޭނާގެ އަންހެން ދަރިފުޅުގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ މެއިމަހުގެ 28 ވަނަ ދުވަހު ކަމަށާއި، ޓެސްޓުގެ ނަތީޖާވެސް ލިބުނީ ހަމަ އެދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަތީޖާ ލިބުނުއިރު ދެމައިންވެސް ޕޮޒިޓިވް ވެފައިވެއެވެ.

އެހެންވެ، ދެމައިންވެސް ފަރުވާއަށް ބައިތިއްބާފައިތިބީ އެއްތާކު ކަމަށާއި، އެއީ ޓެގް ޓީމުގެ ނިންމުމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އައިސޮލޭޝަންގައި ތިބިއިރު، އެންމެފަހުން ބެލިއިރުވެސް އުމުރުން ދުވަސްވީ އަންހެންމީހާގެ ވައިޓަލްސް ސްޓޭބަލް ކަމަށާއި، ހާލަތު ގޯސްކަމަކަށް ނުދައްކާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ނިޔާވިއިރު ދަރިކަނބަލުން މަރްހޫމާއާ އެކުގައި ހުންނެވި. ނިޔާވިކަން އެނގުނީ ހެނދުނު 6:00 ޖަހާ އެހާއިރު އާންމުކޮށް ހޭލާ ގަޑިއަށްވެފަ، އެ ގަޑީގަ ނުހޭލައިގެން ގޮވިއިރު ރެސްޕޮންޑް ނުކޮށްގެން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ"
މަބްރޫކް

މިއަދު ނިޔާވި އަންހެންމީހާއަކީ އުމުރުން ދުވަސްވީ މީހަކަށްވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްނުކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް ލާފައިވަނީ ކީއްވެގެންތޯ، ނޫސްވެރިން ސުވާލު އުފެއްދިއެވެ.

ކޮވިޑް-19 ބަލީގައި ރާއްޖެއިން ފުރަތަމަ ނިޔާވެފައިވަނީވެސް އުމުރުން ދުވަސްވީ އަންހެނެކެވެ.

އެކަމުގައިވެސް ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާތީ، މިނިސްޓްރީ އޮފް ހެލްތުގައި އުފައްދާފައި އޮންނަ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނުން އެކަން ބެލުމަށްފަހު ނިމުނު މެއިމަހުގެ 25 ވަނަ ދުވަހު ބުނެފައިވަނީ، ފުރަތަމަ ނިޔާވި މީހާގެ ސާމްޕަލް ނެގުމާއި، ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވި ކަމަށެވެ.

އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނަމަކަށްކިޔާ އެ އަންހެންމީހާއަކީ ކޮންޓެކްޓެއް ކަމަށްވެފައި، ބަލީގެ އަލާމާތްތައް ފެނިގެން އާއިލާއިން ރިޕޯޓްކުރުމުން ސާމްޕަލް ނަގަން ކަމާބެހޭ ފަރާތްތަކަށް ދެވުނީ ލަހުން ކަމަށްވާއިރު، ބަލީގެ ހާލަތު ގޯސްވެގެން އެމީހާ ގޭގައި ނިޔާވިއިރުވެސް ޓެސްޓްގެ ނަތީޖާއެއް ނުލިބެއެވެ.

މިކަމާ ގުޅިގެން މެއިމަހުގެ 25 ވަނަ ދުވަހުރޭ އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ، އެކަން ހިނގާދިޔަގޮތް ބެލުމަށްފަހު ކަންކަން ރަނގަޅު ކުރުމުގެގޮތުން އިތުރު ޕްރޮސީޖާތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ކޭސްއެއް ޕޮޒިޓިވްވެއްޖެއްޔާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފާހަގަ ކުރެވިއްޖެނަމަ އަލަމާތްތައް ނެތްނަމަވެސް އެމީހެއްގެ ސާމްޕަލް އަވަހަށް ނެގުމުގެ ކަންތައް ޕްރޮސީޖާގެ ތެރެއިން މިހާރު ކުރިއަށް ގެންދާނެ ކަމަށާއި، އުމުރުން ދުވަސްވީ މީހުންގެތެރެއިން ފެސިލިޓީތަކަށް ގެންދަންޖެހޭ މީހުން އަވަހަށް ގެންދިއުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވެފައިވަނީ، ރާއްޖެއިން ފުރަތަމަ ނިޔާވި މީހާގެ ކޭސްއާ ސީދާ ގުޅުން ނެތްނަމަވެސް، ބަލީގެ އެއްވެސްކަހަލަ އަލާމާތެއް ބޮޑުވެގެން ނުވަތަ ހާލު އިތުރަށް ގޯސްވެގެން 1676 އަށް އަންނަ ސިއްހީ ޚިދުމަތާގުޅޭ އާރޖެންޓް ކޯލްތަކަށް އަވަހަށް އެޓެންޑްކުރުމުގެ އިންތިޒާމުވެސް މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.