އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މި މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ މާޗްމަހުގެ 12 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިމުއްދަތުގެ އިތުރު ކުރަމުންދާއިރު އެންމެ ފަހުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރޭ ހެލްތް މިނިސްޓަރ ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ޖުލައި މަހުގެ 14 ވަނަ ދުވަހު ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައި ވާކަމަށެވެ.

އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާފައިވާ ކަމަށެވެ.