ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނުވަ ވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ހާމަކޮށްފައިވާގޮތުގައި މިމީހާ ނިޔާވީ މިއަދު 1:50 ހާއިރުއެވެ. މިފަހަރު ނިޔާވީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މިއީ ޑީއެޗު11 ގައި އެޑްމިޓް ކޮށްފައި އޮތް ފިލިޕީންސް މީހެއް ކަމަށް އެޗުޕީއޭ އިން ވަނީ ބުނެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ހާލު ބޮޑު ތިން މީހަކު އިއްޔެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗުޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 9 އަށް އަރާފައެވެ. މިއަދު ނިޔާވި ފިލިޕީންސް މީހާގެ އިތުރަށް ދެން ނިޔާވެފައިވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

އެޗުޕީއޭ އިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 2،337 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މިހާތަނަށް 1،927 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވެފައިވަނީ 13 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 5 ދިވެހިންނާއި، ބަނގްލަދޭޝް 7 މީހުންނާއި އިންޑިއާ މީހެކެވެ.