• މުއްދަތު އިތުރުކުރީ އޮގަސްޓް 7 އާއި ހަމައަށް
  • މާލެ ސަރަހައްދުގައި އިޢްލާންކޮށްފައިވާ ފިޔަވަޅުތައްވެސް އެ މުއްދަތަށް ދެމިއޮންނާނެ

ކޮވިޑް-19 ބަލިމަޑު ހާލަތާއި ގުޅިގެން ރާއްޖޭގައި ހިންގާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރައްވަން މިނިސްޓަރ އޮފް ހެލްތު ނިންމަވާފައިވާ ކަމަށާއި، އެގޮތަށް ނިންމެވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެދަށުން ކަމަށެވެ.

އެގޮތުން، މިނިސްޓަރ ނިންމަވާފައިވަނީ މާދަމާއިން ފެށިގެން އަންނަ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިންގާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އެންމެފަހުން އިތުރުކޮށްފައިވަނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު އިޢްލާން ކުރެއްވި މުއަދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރެއްވީ، ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މިހާރު އަޅާފައިވާ ހުރިހާ ފިޔަވަޅުތައްވެސް ދެމެހެއްޓުމާ އެކުގައި ކަމަށެވެ.

"މިރޭ މިނިސްޓަރ އޮފް ހެލްތު އާންމު ސިއްހަތުގެ ގާނޫނުގެދަށުން ލިބިވަޑައިގަންނަވާ މިހާރު މިއޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 7 އޮގަސްޓާ ހަމައަށް އިތުރަށް އެކްސްޓެންޑް ކުރާގޮތަށް މިހާރުވަނީ ނިންމިފަ. އެކްސްޓެންޑް ކުރެވޭއިރު މިހާރުވެސް މާލެ ސަރަހައްދުގަ ހުރި ރެސްޓްރިކްޝަންސް ތަކާއެއްކޮށް އެކްސްޓެންޑް ކުރެވޭނީ"
ޑރ. ފާތިމަތު ނަޒްލާ ރަފީގު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ މާޗްމަހުގެ 12 ވަނަ ދުވަހުއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތުމުން އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށްޓަކައެވެ.