ވެމްކޯއިން ކުނި ނަގަންދާނެ ވަގުތަކީ ލޮކްޑައުންތެރޭގައިވެސް ކުނި ބަލާ ދިޔަ ވަގުތުކަމުގައިވާ، މެންދުރު 12 އިން ފެށިގެން 2 އާއި ދެމެދުކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ކުރިންވެސް ކުނި ނަގަމުން ދިޔަ ވަގުތަށް އިތުރު ބަދަލެއް އަދި ގެނެސްފައި ނުވާކަމަށާއި މިހާރުވެސް އަމަލުކުރަމުންދާނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިޢުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން ގެނައި ބަދަލާއި އެއްގޮތަށްކަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުގައި އަދިވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވިފައިވުމާއި އެ ކޯޕަރޭޝަންގެ މުއައްޒަފުންނާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހު އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ، ގޭބިސީތަކުން ކުނި ނެގުމުގެ ޚާއްސަ އުސޫލަށް، ވަކި ގޮތެއް އެންގެންދެން އަމަލުކުުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައިވާ ހުރިހާ ގޭބިސީތަކެއްގެ ހިމެނޭ ދުވަހު ކުނި، ކުރިން އާންމުކުރި އުސޫލާއި އެއްގޮތަށް މެންދުރު 12 އިން 2ކަށް ނަގަމުންދާނެކަމަށް ވެމްކޯއިން ބުނެއެވެ.

ނަމަވެސް އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ އިންތިޒާމު ދުރާލާ ހަމަޖެހިފައިވާ ގެއެއް ނަމަ އެދުވަހެއްގެ ހަވީރު 6ގެ ނިޔަލަށް އިމާރާތަށް ވަދެ، ނުކުމެވޭނެ އިންތިޒާމެއް ހަމަޖައްސަން ވާނެކަމަށް ވެމްކޯއިން ބުނެއެވެ.

އަދި އެ ކުންފުނީގެ އެއްވެސް މުއައްޒަފަކު އިމާރާތެއްގެ ވަކި ވަކި ފަންގި ފިލާތަކުން ކުނި ނަގަން ހަމަޖެހިފައި ނުވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވެމްކޯއިން ވަނީ ކުނި ބޭރަށް ނެރޭ އިރު، ވީހާވެސް ރަަނގަަޅަށް ރައްކާތެރިކަމާއިއެކު، އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ކުނި ބަންދުކޮށް، ކަނޑައަޅާފައިވާ ގަޑިތަކަށް ކުނި ބޭރަށް ނެރެދިނުމަށް އިލްތިމާސްކޮށްފައެވެ.