ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ނުގެންދެވި އެބަ ތިބިކަމަށް ހެލެތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެކިއެކި ސަބަބުތަކާ ހުރެ ޕޮރިޓިވް ވީ މީހުން ފެސިލިޓީތަކަށް ގެންދިޔުމުގައި ދަތިތަކެއް ހުރިކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވި ބައެއް މީހުން ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދެވިވާކަމަށާއި މީގެ ތެރެއިން ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އެރިޔަދޫއަށް ގެންދަން ޖެހޭ މީހުން އަދިވެސް ނުގެންދެވޭ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބައެއް މީހުން ޕޮޒިޓިވް ވުމާއެކު އަދި އާއިލާގެ އެހެން މީހުން އިތުރަށް ޓެސްޓް ކުރުމަށްފަހު ގެންދަން ޖެހޭތީވެ މިސާލަކަށް ކުޑަކުދިން ތިބޭ މަންމަ އެއް ޕޮޒިޓިވްވީ އެހެންކަމަށްވާ ނަމަ އެ ކުޑަކުދިންވެސް ޓެސްޓް ކުރުމަށް ފަހު ރިޒަލްޓް ލިބުނީމަ މަންމަ އާއި އެއްކޮށް އެ ކުދިން ގެންދަން ބައެއް މީހުން އަމިއްލައަށްވެސް ބޭނުންވޭ. އެހެންކަމުން ބައެއް ފަހަރު އެގޮތަށް ގެންދަންވެސް އަޅުގަނޑުމެން ލަސްކޮށްފަ ހުރޭ."
ޑރ. ނަޒްލާ ރަފީގް

މާލޭ ސަރަހައްދުގައި މާސްކު އެޅުން މަޖްބޫރުކޮށްފައިވާއިރު އެކަމުގެ މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާސްކު އެޅުން އިސްތިސްނާވަނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުތަކުގައި ކަމަށެވެ.

އަދި މީގެއިތުރަށް އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މާސްކު ނުނެގޭ މީހުންވެސް މި އެންގުމުން އިސްތިސްނާވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މާސްކު އެޅުން ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާއިރު މާސްކު އެޅުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާ އަތް ސާފުކުރުމާއެކު އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ފުލޫ ކްލިނިކަށް ދިޔުމަށްވެސް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

ޚާއްސަކޮށް އަޅުގަނޑުމެން އިލްތިމާސްކުރަން ވަރަށް ބޮޑަށް އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ މީހުން ހުން އައުން، ނޭވާލާން އުނދަގޫވުން ގައިގަ ރިއްސާ އަދި ބޮލުގައި ރިއްސާ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކަވަންވާނެ."
ޑރ. ނަޒްލާ ރަފީގް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާސްކު އެޅުން މަޖުބޫރުކުރި ފުރަތަމަ ދުވަހުވެސް އެ އެންގުމާއި ޚިލާފުވެގެން 4 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.