އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ ބައިބޯ ސްޓޭޓް ކަމަށްވާ ވިކްޓޯރިއާ ސްޓޭޓްގައި ކާފިއު ހިންގައިފިއެވެ.

ކާފިއު ހިންގުމުގެ އިތުރުން، އެ ސްޓޭޓްގައި މިހާރުވަނީ ކާރިޘާގެ ހާލަތުވެސް އިޢްލާންކޮށްފައެވެ.

ވިކްޓޯރިއާ ސްޓޭޓް ސަރުކާރުން އެ ސްޓޭޓްގައި ކާފިއު މިހިންގީ، ކޮވިޑް-19 ބަލީގެ ވައިރަސް ފެތުރުން ހުއްޓުވަން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުންނެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ވެރިޔާ ޑެނިއަލް އެންޑްރޫސް، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ރޭގަނޑަށް ހިންގާފައިވާ ކާފިއުއާއި، އަދި އާންމުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަ ހަފްތާއަށް ދެމިގެންދާނޭ ކަމަށެވެ. އެއީ، އަންނަ ސެޕްޓެމްބަރުމަހުގެ މެދަކާ ހަމައަށެވެ.

އެ މުއްދަތުގެ ތެރޭގައި، ވިޔަފާރިކުރުމަށް ކޮންމެ ގޭބިސީއަކުން ކޮންމެ ދުވަހަކު ބޭރަށް ދެވޭނީ އެންމެ މީހަކަށް ކަމަށްވެސް ސްޓޭޓް ސަރުކާރުން ކަނޑައަޅާފައި ވެއެވެ.

ހަމަ އެއާއެކު، ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށް، މެލްބަރން ސިޓީގެ ރައްޔިތުންނަށް ގެއިން ބޭރަށް ނުކުމެގެން އެންމެ ދުރަށްވެސް ދެވޭނީ 5 ކިލޯމީޓަރަށް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

މިއަދު އެކަނިވެސް ވިކްޓޯރިއާ ސްޓޭޓުން އަލަށް 650 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ކުރީދުވަހު ޕޮޒިޓިވްވީ 397 މީހުންނެވެ.