އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބައްޔަށް ޕޮޒިޓިވް ވެއްޖެކަން ހާމަކުރެއްވީ ޚުދު އޭނާއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަމިތު ޝާހު މިހާރުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

އަމިތު ޝާހަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި އޭނާއަކީ އިންޑިއާގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ ސިޔާސީ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަތުމުގެކުރިން އަމިތު ޝާހު ހުންނެވީ ވެރިކަންކުރާ ބީޖޭޕީގެ ރައީސްގެ މަގާމުގައެވެ.

އިންތިޚާބު ކާމިޔާބުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރުގެ ކެބިނެޓް މޯދީ އިޢްލާން ކުރެއްވިއިރު، ދާޚިލީ ވަޒީރުކަން ދެއްވާފައިވަނީ އަމިތު ޝާހުއަށެވެ.

ދާޚިލީ ވުޒާރާއަކީ އިންޑިގައި ކޮވިޑް-19 ބަލިމަޑު ހާލަތުގެ ކަންކަމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ވުޒާރާއެވެ.

ބައްޔަށް ޕޮޒިޓިވްވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓްގައި އަމިތު ޝާހުވަނީ، މިފަހުން އޭނާއާ ބައްދަލުވި އެންމެން އައިސޮލޭޝަނަށް ދިއުމަށް އެދިވަޑައިގެންފައެވެ.

"މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑާއި ބައްދަލުވި އެންމެން އަމިއްލަފުޅަށް އައިސޮލޭޝަންއަށް ދިއުމަށް ދަންނަވަން. އަދި ޓެސްޓްކުރުމަށްވެސް އެދެން"
އަމިތު ޝާހް

ދާޚިލީ ވަޒީރު ކޮވިޑަށް ޕޮޒިޓިވްވިއިރު، އިންޑިއާ މިހާރު ވެފައިވަނީ ދުނިޔޭގައި ބަލީގެ ހާލަތު ތިންވަނައަށް އެންމެ ގޯސް ގައުމަށެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 1.75 މިލިއަނަށް އަރާފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 54،735 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ހޮނިހިރު ދުވަހުވެސް 57،118 މީހުން ޕޮޒިޓިވްވެފައި ވެއެވެ. މިއީ، އެއްދުވަހެއްގެ މިހާތަނަށް އެންމެމަތީ އަދަދެވެ.

ބަލީގައި މަރުވި މީހުންގެ އަދަދު 37،364 އަށް އަރާފައިވާއިރު، އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރުދާން މިއަދު ވިދާޅުވީ، ބަލީގައި މަރުވާ މީހުންގެ ރޭޓް ދަށްވާން ފަށާފައިވާ ކަމަށެވެ.