ކޮވިޑް ބަލީގައި މިރޭވެސް އިތުރު މީހަކު މަރުވެއްޖެ އެވެ. މިރޭ މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރި މި މިހާ މަރުވެފައި ވަނީ މިރޭ 8:57 އެހާ އިރުކަމަށެވެ.

މިރޭ މަރުވި މީހާއާއި އެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 18 އަށް އަރާފައެވެ.

ކޮވިޑަށް ގިނަބަޔަކު ޕޮޒިޓިވްވަމުން ދާއިރު މިރެއަކީ އަނެއްކާވެސް ރެކޯޑް އަދަދަކަށް ރާއްޖެއިން މީހުން ޕޮޒިޓިވްވި ރެއެކެވެ.

މިރޭ އެކަނިވެސް ޖުމްލަ 215 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ.

ރޭވެސް ޖުމްލަ 134 ދިވެހިން އަލަށް ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު މި ވަނީ 4,164އަކަށް އަރާފައެވެ.

އެޗްޕީއޭއިން ވަނީ މި ހިނގާ އޮގަސްޓް މަހު ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވާނެކަމަށް ލަފާކޮށްފައެވެ.