އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަދީ، އިތުރު 33 ތަނެއް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާއްމު ހިދުމަތްދޭ ތަންތަނުގައި އަމަލުކުރާނެ ވަކި އުސޫލެއް އެޗްޕިއޭއިން ވަނީ އެކުލަވާލާފައެވެ.

އެޗްޕީއޭއިން ވަނީ އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށާފައެވެ.

ގައިޑްލައިންއާއި ހިލާފުވެގެން ގިނަ އަދަދެއްގެ ތަންތަން މިހާރު ބަންދުކޮށްފައިވާއިރު، އެޗްޕީއޭއިން ގެންދަނީ އެތަންތަން އިސްލާހުކުރުމުން އަލުން ހުޅުވުމުގެ ހުއްދަވެސް ދެމުންނެވެ.

އެގޮތުން ގައިޑްލައިންއާއި ހިލާފުވެގެން ބަންދުކުރި ތަންތަނުގެ ތެރެއިން 21 ތަނެއް އިސްލާހުކުރުމުން އެތަންތަން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ 7 ރެސްޓޯރެންޓާއި، މާރުކޭޓަކާއި، 2 ސެލޫން އަދި 11 ފިހާރައެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން އިއްޔެ 174 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އިއްޔެ 40 ރެސްޓޯރެންޓާއި، 9 ސެލޫނަކާއި، 123 ފިހާރައަކާއި، 2 މާރުކޭޓެއް ބަލާފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިތަންތަނުގެ ތެރެއިން ގައިޑްލައިންއާއި ހިލާފުވެގެން 33 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އެއީ 5 ސެލޫނަކާއި، 17 ފިހާރައަކާއި، 10 ރެސްޓޯރެންޓުގެ އިތުރުން މާރުކެޓެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގައިޑްލައިންއާއި ހިލާފުވެގެން ތަންތަން ބަންދުކުރުމަށްފަހު އިސްލާހުކުރުމަށް 24 ގަޑިއިރު ދެވޭއިރު، އިސްލާހު ކުރުމަށްފަހު އެޗްޕީއޭގެ ހޮޓްލައިންއަށް ގުޅައި އެކަން އެންގުމުން އަލުން އެތަންތަން އިންސްޕެކްޓް ކުރުމަށްފަހު ގައިޑްލައިންއަށް ފެތޭނަމަ އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ގެންދަނީ ދެމުންނެވެ.