ކޮވިޑް-19 ގައި އަނެއްކާވެސް އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

މިއީ މި ހަފްތާ ފެށުނު ފަހުން މި ބަލީގައި މަރުވި 3 ވަނަ މީހާ އެވެ

އެޗްޕީއޭއިން ބުނީ 80 އަހަރުގެ މި އަންހެން މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

މިއަދު ހެނދުނު 9:30 އެހާއިރު މަރުވެފައި ވަނީ ދިވެއްސެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 19އަށް އަރާފައެވެ.

ކޮވިޑަށް ގިނަބަޔަކު ޕޮޒިޓިވްވަމުން ދާއިރު ގިނައީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ4,290އަށްވުރެ މަތީގައެވެ.

ގިނަ ބަޔަކު ޕޮޒިޓިވް ވާތީ ސަރުކާރުގެ އޮފީސްތައްވެސް ވަނީ މި ހަފްތާގައި ބަންދުކޮށްފައެވެ.

އަދި މާލެ ސިޓީގެ ސްކޫލުތަކުގައި ކިޔަވައި ދިނުމުގެ ބަދަލުގައި ހަމަ އެކަނި އޮންލައިން ކްލާސްތައް ނަގައި ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.