މާލޭ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުނުވެ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، އީދު ބަންދާއި، މިޑްޓާމް ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ މި އޮގަސްޓްމަހުގެ 9 ވަނަދުވަސް ކަމަށެވެ.

އެހެންނަމަވެސް، ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން، ކުރިއަށްއޮތް ދެހަފްތާގައި މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުވާން ނުޖެހޭގޮތަށް ނިންމާފައިވާ ކަމަށް މިނިސޓްރީގެ ބަޔާނުގައި ވެއެވެ.

އެއީ 9 އޮގަސްޓުން 19 އޮގަސްޓްގެ ނިޔަލަށެވެ.

ދަރިވަރުން ސްކޫލަށް ހާޟިރުވާން ނުޖެހުނު ނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށާއި، ދެހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، އެ ނިންމުން މުރާޖައާ ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު މާލެ ސިޓީ ފިޔަވައި، ޜާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ގްރޭޑް 1 އިން 12 ގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ.

މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައިވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 އިން 12) އަށެވެ.

މީގެއިތުރުން، މާލެ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ކިޔެވުން މި އޮގަސްޓްމަހުގެ 16 ވަނަދުވަހު ފެށުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން އޮތީ އިޢްލާންކޮށްފައެވެ.

މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުވާން ނުޖެހޭގޮތަށް ހަމަޖައްސައި އަދި އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޟިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް، މި މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމުގައިވާތީ، ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކެމެވެ"
މިނިސްޓްރީ އޮފް އެޑިއުކޭޝަން