• ދަތުރުކުރާއިރު މާސްކް އެޅުން މަޖުބޫރު
  • ބަލި ފެނިފައިވާ ރަށްތަކުގެ މީހުންވެސް މާސްކް އެޅުން މަޖުބޫރު
  • މާސްކްގެ ގޮތުގައި ފޮތި މާސްކް ބޭނުންކުރުން އެންމެ ރަގަޅު: އެޗްއީއޯސީ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް ބޭނުން ކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު އައިޝަތު ސާމިޔާ ވިދާޅުވީ ރަށްރަށަށް ބަލި ފެތުރުން މަދުކުރުމަށްޓަކައި، ވައިގެ މަގުންނާއި ކަނޑުގެ މަގުން، ނުވަތަ އެއްފަސްވެފައި ހުންނަ ރަށްތަކުގައިވެސް، ދިގު ދަތުރުކުރާއިރު މާސްކް އަޅައިގެން ތިބުމަކީ މަޖުބޫރުކަމެއްކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިހާތަނަށް ކޮވިޑް ފެނިފައިވާ ރަށްރަށުގެ މީހުން މާސްކް އެޅުން މަޖުބޫރުކަމަށެވެ.

ހުރިހާ ރަށެއްގައިވެސް މާސްކްއަޅަން އައިޝަތު ސާމިޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިކަމުގައި މިވަގުތު އެކްޓިވް ކޭސަސް، ނުވަތަ ބަލި ފެންނަ، ބަލި ފެނިފައިވާ ރަށްރަށުގެ މީހުން ފޮތި މާސްކް ބޭނުންކުރުން މަޖުބޫރު. ޢީދާއި ދިމާކޮށް ގިނަ ބަޔަކު މިހާރު އެކި ރަށްރަށް ގޮސްފައިވާއިރު، ބަލި ޖެހިފައިވާ ބަޔަކު ތިބެދާނެ. ރަށްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެދޭކަމެއް މާސްކް އެޅުން އެއީ..
އައިޝަތު ސާމިޔާ

މާސްކް ލިބުމުގައި ދަތިވާނެތީ މާސްކް އެޅުމުގައި، ފޮތި މާސްކް ބޭނުން ކުުރުން އެދެވިގެންވާކަމަށްވެސް އައިޝަތު ސާމިޔާ ވިދާޅުވިއެވެ.

މީގެ ބޭނުމަކީ އެކި ރަށްރަށަށް އީދާއި ދިމާކޮށް ގިނަ ބަޔަކު ދަތުރުކޮށްފައިވުމާއި އެކު ރަށްރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

މާލޭގައިވެސް މާސްކް އެޅުންވަނީ މިހާރު މަޖުބޫރުކޮށްފައެވެ. އަދި ގެއިން ބޭރުގައި އުޅޭއިރު މާސްކް ނާޅާ އުޅޭ މީހުން ދަނީ ޖޫރިމަނާވެސް ކުރަމުންނެވެ.