އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ އިއްޔެ ރާއްޖެ ވަޑައިގެން، ވަރުބަލިކަމެއްނެތި ފެތުރުއްވީ ޗައިނާއާބެހޭ ދޮގު ވާހަކަކަމަށް ބުނެ ޗައިނާއިން ޕޮމްޕޭއަށް ރައްދު ދީފިއެވެ.
ޕޮމްޕޭ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.
އެގޮތުން އެމެރިކާ އާއި ރާއްޖެއާ ދެމެދުގައި އޮތް ދިފާއީ ގުޅުން ކުރިއަރަމުން އަންނަ ކަމަށާއި ރާއްޖެފަދަ ކުދި ޖަޒީރާ އެހެން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެ މުހިއްމު ވެފައިވާ ކަމަށް ވިދާޅުވެ، ޕޮމްޕޭ ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖެފަދަ އެހެން ގައުމުތަކަށް ޗައިނާގެ އަމަލުތަކުގެ ސަބަބުން އެ ގައުމުތަކުގެ ތިމާވެށްޓަށާއި އިގުތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށް ޕޮމްޕޭ އިއްޔެ ވިދާޅުވިއެވެ.
ޕޮމްޕޭގެ މިވާހަކަތަކަށް ރައްދުދެއްވާ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަަސީން ވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާން އާންމުކޮށްފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށެވެ.
ޓުވީޓުގައި ޖަންގް ލިޖޮންގް ވަނީ "މާލެއަށް މިއަދު މޫސުން ވަރަށް ރީތި" ކަމަށް ވިދާޅުވެފައެވެ.
ޗައިނާ އެމްބަސީގެ ބަޔާނުގައި ވަނީ، ޕޮމްޕޭގެ ދަތުރުގައި ވަރުބަލިކަމެއްނެތި ފެތުރުއްވީ ޗައިނާއާބެހޭ ދޮގު ވާހަކަތައް ކަމަށެވެ. އަދި މަސައްކަތް ކުރެއްވީ ޗައިނާއާއި ދިވެހިރާއްޖެ ދެމެދު ދޭތެރެޖައްސުމަށް ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ރާއްޖެއަށް އަމާޒުކޮށް ބުނެފައިވަނީ، ތަރައްގީއާއި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމެއްގެވެސް ހައްގެއް ކަމަށެވެ.
ގައުމުތަކުން އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ވަކިފަރާތަކަށް ޖެހުމަށް ކުދި ގައުމުތަކަށާއި، މެދުފަންތީގެ ގައުމުތަކަށް ޕޮމްޕޭ ފާޅުގައި ބާރުއަޅުއްވަމުން ގެންދަވާ ކަަމަށް ޗައިނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއާއި އިންޑިއާ އަދި މިސަރަހައްދުގެ ބައެއް އެހެން ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ އިންޑޯ-ޕެސިފިކް އެލަޔަންސްއަކީ އެކި ގައުމުތަކާއި ބްލޮކްތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި، ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަން އިތުރުކުރަން ކުރާ މަސައްކަތެއް ކަމަށް ޗައިނާ އެމްބަސީން ބުނެފައި ވެއެވެ.
އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ވާހަކަ ޕޮމްޕޭ ވިދާޅުވުމުން އެކަން ވައްތަރީ ޖޯކެއްގެގޮތުގައި ކަމަށްވެސް ބަޔާނުގައި ވެއެވެ.
ޕޮމްޕޭ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ ދެގައުމުގެ ގުޅުމުގެ އަގު އެމެރިކާއިން ވަޒަންކުރާތީ ކަމަށެވެ.