• އެކްޓިވް ކޭސަސްގެ އަދަދު 839 ގައި، ހޮސްޕިޓަލުގައި ފަރުވާދެނީ 55 މީހަކަށް
  • 21 ރަށާއި، 23 ރިސޯޓުގައި އެކްޓިވް ކޭސްތައް

ރާއްޖެއިން އިތުރު 25 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 25 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 9 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 9 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 11،616 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 48 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 10،733 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 839 މީހުންނެވެ. މީގެތެރެއިން 55 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 21 ރަށާއި، 23 ރިސޯޓުންނެވެ.

23 ރިސޯޓުން 30 ފަތުރުވެރިންނާއި، 89 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.