ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ލުއިތައް ދޭނެކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމަށްފަހު، އިންޑިއާ ސަރުކާރުން ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިއުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އަންގަވާފައިވާ ކަމަށެވެ. މިހާރުވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.