މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މިދިޔަމަހު ޖަމާކުރި އާމްދަނީ 57.9 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު މީރާއަށް ޖަމާކޮށްފައިވަނީ 390.57 މިލިއަން ރުފިޔާއެވެ.

މިދިޔަމަހު ޖަމާކުރި އާމްދަނީން އެންމެ ބޮޑު ބައެއް ޖީއެސްޓީއިން ލިބުނުއިރު، އެއީ 63.3 އިންސައްތައެވެ.

ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 247.42 މިލިއަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުން ލިބުނުއިރު، އެއީ 13.4 އިންސައްތައެވެ. އިންކަމް ޓެކްސްގެ ގޮތުގައި ލިބުނީ 52.39 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ ލިބުނުއިރު، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ ލިބުފައިވެއެވެ. އަދި ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 42.56 މިލިއަން ރުފިޔާއެވެ. މިދިޔަމަހު ޖަމާކުރި އާމްދަނީގެ ތެރޭގައި 4.68 މިލިއަން ޑޮލަރު ހިމެނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިިދިޔަމަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުންކަމަށް މީރާއިން ބުނެއެވެ.

އެގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.