އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގޮރާމެއް ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މެލޭޝިޔާގެ ޔުނިވަސިޓީއެއް ކަމަށްވާ ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާއާއި ގުޅިގެން ކަމަށެވެ. މިއަދުން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ 08 ޑޮކްޓަރުންނާއި، އިތުރު02 ޑޮކްޓަރުން ބައިވެރިވާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މިއީ ޑޮކްޓަރުން ތަމްރީނުކުރުމަށް މިފަދަ ޕޯސްޓް ގްރެޖުއޭޝަން ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް-19 އާއިއެކު މެލޭޝިޔާގެ ބޯޑަރު ބަންދުވުމާއި ގުޅިގެން ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާގެ ރެސިޑެންސީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ރާއްޖޭގެ ޑޮކްޓަރުން އައިޖީއެމްއެޗްގައި މި ޕްރޮގްރާމް ފެށުމަށް ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާއިން ހުށަހެޅުން އެއީ އެ ހޮސްޕިޓަލަށް ލިބިގެންދިޔަ ފަޚުރެއް ކަމަށެވެ. އަދި މިއީ އައިޖީއެމްއެޗްގައި މިފަދަ ޕޯސްޓް ގްރެޖުއޭޝަން ޕްރޮގްރާމެއް ހިންގުމުގެ ގާބިލްކަން ހުރިކަން އެ ޔުނިވާސިޓީން ބަލައިގަންނަކަން ދޭހަވާކަމެއް ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި މިފަދަ ޕޯސްޓް ގްރެޖުއޭޝަން ނުވަތަ ސްޕެޝަލައިޒޭޝަން ޕްރޮގްރާމުތައް އައިޖީއެމްއެޗްގައި ހިންގުމަށް އިތުރު ފުރުސަތުތަކާއި ހިތްވަރު ލިބިގެންދާނެ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.