މިދިޔަމަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ބަލައިގަތް އަދަދު ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު 59.9 އިންސައްތަ ދަށްވެއްޖެއެވެ.
މިރާއިން އާއްމުކޮށްފައިވާ ނޮވެމްބަރުމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 461.49 މިލިއަން ރުފިޔާއެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ ނޮވެމްބަރުމަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު، 59.9 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރުމަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.
މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ ނޮވެންބަރުމަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ ނޮވެންބަރުމަހު ލިބިފައިވާ އާމްދަނީ ދަށްވެފައިބާ އިތުރު ސަބަބެއްކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.
މި ފީ މިއަހަރުގެ ނޮވެންބަރުމަހު މީރާއަށް ބަލައިގެންފައެއް ނުވެއެވެ.
މިއަހަރުގެ ނޮވެންބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީއިންނެވެ. އެއީ 66.9 އިންސައްތަ ނުވަތަ 308.68 މިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 9.1 އިންސައްތަ ނުވަތަ 42.09 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 19.77 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ އަދި ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.
މިއަހަރުގެ ނޮވެންބަރުމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.