މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2020 ވަނަ އަހަރު ޖުމްލަ 10.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިދިޔަ އަހަރު 10.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 37.7 އިންސައްތަ ދަށް އަދަދެކެވެ.

2020 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 41.1 އިންސައްތަ ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް އިންކަމް ޓެކްސްއިން ލިބުނުއިރު، އެއީ 18 އިންސައްތަ ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ބީޕީޓީއެވެ. އެއީ 1.77 ބިލިއަން ރުފިޔާއެވެ.

މީގެއިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 702.78 މިލިއަން ރުފިޔާ މިދިޔަ އަހަރު ބަލައިގެންފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

2020 ވަނަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެމްބަރު މަހު ބަލައިގަތް ޖުމްލަ އާމްދަނީއަކީ 1.04 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅައިބަލާއިރު 34.1 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭގޮތުގައި، ޑިސެމްބަރު 2019 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

އެގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސްފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެއްކަމަށް މީރާއިން ބުނެފައިވެއެވެ. މީރާއިން ބުނީ މި ފީ ޑިސެމްބަރު 2020 ގައި ލިބިފައި ނުވާކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 39 އިންސައްތަ ނުވަތަ 404.66 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންއެވެ. އެއީ 30.1 އިންސައްތް ނުވަތަ 311.80 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ބީޕީޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ، ރެސިޑެންޓް ޕަރމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 39.13 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.