މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އިތުރު ބަދަލުތަކަކާއެކު އަލުން ޝާއިއުކޮށްފިއެވެ.

މީރާގެ "ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" އަކީ މީރާއިން ފޯރުވައިދޭ ހިދުމަތްތަކުގެ ފެންވަރާއި، މީރާއަށް ޓެކްސް ދައްކާ ފަރާތްތަކާއި އަދި އެހެނިހެން ފަރާތްތަކުން އުންމީދުކުރެވިދާނެ ކަންތައްތައް ހިމަނައިގެން މީރާއިން ތައާރަފުކޮށްފައިވާ ޗާޓަރއެކެވެ.

މި ޗާޓަރގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކޮށްފައިވެއެވެ.

"ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ" ގެ ބޭނުމަކީ މީރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކުންވެސް މީރާއަށް އެހީތެރިވެދިނުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިޗާޓަރއަށް އަލަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މީރާގެ ހިދުމަތުގެ ފެންވަރުގެ މިންގަޑުތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މީގެއިތުރުން، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމުގައި މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މިވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދިނުމަށް ބާރުއަޅައިފައިވެސް ވެއެވެ.

މިޗާޓަރުގައި ކަނޑައަޅައިފައިވާ ޚިދުމަތުގެ ފެންވަރުތަކާ އެއްހަމައަށް މީރާގެ ޚިދުމަތްތައް ދިނުމަށް މީރާއިން ބޮޑު އިސްކަމެއް ދޭނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އަބަދުވެސް އޮތުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.