މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރާއްޖޭގެ އިތުރު 20 ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ފޯރުކޮށްދޭ ރައްތައް ފިޔަވައި އިތުރު 20 ރަށެއްގައި އެހިދުމަތްދިމަށް ދިނުމަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.

ޝާހު ވިދާޅުވީ އެމަސައްކަތަކީ 1.5 މިލިއަން ރުފިޔާގެ މަސައްކަތެއްކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، މި ޕެންޑަމިކް ނުވަތަ ކޮވިޑް-19އާ ގުޅިގެން ދިމާވި ހާލަކީ ދިނިޔެގެ އިގްތިސާދަށް އަދި އިޖްތިމާއިގޮތުންވެސް ގޮންޖެހުންތަކެއް އައި އަހަރެއް. ހާއްސަކޮށް ރާއްޖެ ކަހަލަ ޓުއަރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އެހެންނަމަސް އަޅުގަނޑައް ފެނުނީ ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް ގުުރުބާން ނުކޮށް އެމްޑަބްލިޔުއެސްސީއަށް 20 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަވާލުކުރިތަން"
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

ޝާހު ވިދަޅުވީ މި 20 ރަށުގެ ތެރެއިން ބައެއް ރަށްތަކުގައި ހަމައެކަނި ނަރުދަމާގެ މަސައްކަތް ކުރުމަށްހަވާލުކުރިނަމަވެސް، ގިނަ ރައްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާކަމަށެވެ.

"އެހެންވީމަ އޭގެން މި ފެނިގެންދިޔައީ އެމަނިކްފާނުވެސް (ރައީސް) ކެމްޕެެއިން ދަތުރުތަކުގައި ވިދާޅުވީ ތިމަންނާގެ ދައުރުގައި ދިވެހިރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އާބާދީއަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ދީ ނިންމާނަމޭ. އެހެންވީމަ އެވައުދު ފުއްދުމައްޓަކައި އެމަނިކުފާނު ހަމަ ވައުދުގެ މަތީގައި ހުންނެވިތަން އަޅުގަނޑައް ފެނުނީ"
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު

ޝާހު ވިދާޅުވީ މި 20 ރަށުގެ ފެނާއި ނަރުދަމާ ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ.

މިރަށްތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނޫންކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ ސަރުކާރުން މި މަޝްރޫއުތައް ހަވާލުކުރީ ޑިޒައިން ކޮށްފައިކަމަށެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓްތަކުގެ އީއައިއޭއާއި، ނެޓްވޯކް ޑިޒައިންތައް ހުރީ އެޕްރޫވް ނުވެކަމަށެވެ.

ޝާހު ވިދާޅުވީ މި 20 ރަށުގެ ވަގުތީ ބިން ހޯދުމަށް ހުރިހާ ކައުންސިލްތަކަށް ބިން ހޯދުމަށް އެދުމުން މިހާރު ބިން ލިބިފައިކަމަށެވެ. އެ ބިންތަތަކީ މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށް، ވަގުތީ ސައިޓްއެއް ހަދަން ބޭނުންވާ ބިންތަކެއްކަމަށެވެ. މިއީ ކައުންސިލްތަކުން އެއްވެސް އަގަކާއި ނުލާ ދީފައިވާ ބިންތަކެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ކައުންސިލްތަކުން އެހާ އަވަހަށް ބިން ހޯދައިދިނުމުންހާމަވަނީ، ރައްޔިތުން ފެނާއި، ނަރުދަާގެ ނިޒާމަށް ބޭނުންވެފައިވާ މިންވަރުކަމަށް ޝާހު ވިދާޅުވިއެވެ.

މި 20 ރަށަކީ ކޮން ރައްތަކެއް ކަމެއް ޝާހު ހާމައެއް ނުކުރެއެވެ.

އެމްޑަބްލިއުއެސްސީން މިހާރު ހިދުމަތް ފޯރުކޮށްދެނީ، މާލޭގެ އިތުރުން ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، މާފުށި، ދުވާފަރު އަދި ކުޅުދުއްފުއްޓަށެވެ.

ފެނުގެ ހިދުމަތްދިނުމަށް އުފެއްދި އެމްޑަބްލިއުއެސްސީން މިހާރު ރައްޔިތުންނަށް ފޯރުކޮށްދޭ އެހެން ހިދުމަތްތަކުގެ ތެރޭގައި، ކަރަންޓާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ޚިދުމަތާއި، އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ހިމެނެއެވެ.

އެމްޑަބްލިއުއެސްސީއަކީ ސަރުކާރުގެ 80 އިންސައްތަ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.